ކުޅިވަރު

މެސީއާއި ރޮނަލްޑޯގެ މައްޗަށް ކުރި ހޯދީ ނޭމާރ!


ވަރލްޑްކަޕްގެ ދެވަނަބުރުން މެކްސިކޯ ކަޓުވާލުމަށްފަހު ބްރެޒިލް ކުއާޓަރ ފައިނަލަށް ދަތުރު ކުރިއިރު މިފަހަރުގެ ތަށި އުފުލާލާނެކަމަށް އެންމެ ގިނަ ބަޔަކު ބުނަމުންދާ ޓީމެވެ. ބްރެޒިލްގެ އިތުރުން ކްއާޓަރ އިން ޖާގަ ހޯދި ވޯލްޑްކަޕްގެ ކުރީގެ ޗެމްޕިއަން ޓީމްތަކަކީ ފްރާންސް، އުރުގުއާއީ އަދި އިންގްލެންޑެވެ. ބްރެޒިލަށް މިވަނީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދި ހަމައެކަނި ޓީމްގެ ޝަރަފު ދަމަހަށްޓާއި އެ ރިކޯޑް އިތުރަށް ފުޅާކުރުމުގެ މަގު ތަނަވަސްވެފައެވެ. ބްރެޒިލްގެ މި ފަޚުރު ދެމެހެއްޓުމުގައި އެންމެ ބޮޑު ރޯލެއް މިފަހަރުގެ ވަރލްޑްކަޕްގައި އަދާކޮށްދިން ކުޅުންތެރިތަކީ ބްރެޒިލްގެ ފޯވާޑް ނޭމާއެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިން ކަމުގައިވާ ލަޔަނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް އާޖެންޓީނާ އަދި ޕޯރޗްގަލްއާއެކު ނާކާމިޔާބުވި ނަމަވެސް ނޭމާ ވަނީ އޭނާގެ ޓީމާއެކު ކްއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އަދި މެސީއާއި ރޮނާލްޑޯއަށް އެއްވެސް ވަރލްޑްކަޕެއްގެ ނޮކްއައުޓް ބުރުގައި ޤައުމީ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާއިރު ނޭމާ ވަނީ އެކަންވެސް ކޮށްފައެވެ. އެގޮތުން ވަރލްޑްކަޕްގެ ނޮކްއައުޓް ބުރުގައި ދޭއް ސުމަކުން މެކްސިކޯ ބަލިކުރި މެޗުގައި ބްރެޒިލަށް ގޯލް ހުޅުވައިދިން ކުޅުންތެރިޔަކީ ނޭމާއެވެ.

ނޭމާގެ މި ގޯލް ފާހަގަކުރެވެނީ ވަރަށް ވިސްނުންތެރި ގޯލެއްގެ ގޮތުގައެވެ. މެޗްގެ ދެވަނަހާފްގެ ހަވަނަ މިނެޓްގައި ނޭމާ ބޯޅައާއެކު ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމުގެ ކުރިން ބެކްޕާހަކުން ވިލިއަންއަށް ބޯޅަ ފޯރުކޮށްދިނެވެ. އެއާއެކު ވިލިއަންއަށް ޑިފެންޑަރުންގެ ސަމާލުކަންދިޔަ ދަނޑިވަޅުގައި ޕެނަލްޓީ އޭރިއާ ތެރެއަށް ދެމިގަނެ، ވިލިއަން ނަގައިދިން ބާރު ހުރަސް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް 1-0ގެ ލީޑެއް ނަގައިދިނެވެ.
2014ގެ ވަރލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި ނޭމާގެ ބޯޅަތައް ސަލާމަތްކުރި މެކްސިކޯގެ ކީޕަރ މީމޯ އޮޗޯއާއަކަށްވެސް ނޭމާގެ އެހަމަލާ ދިފާއުކުރާނެ އެއްވެސް ފުރުސަތެއް ނެތެވެ.

މި ގޯލާއިއެކު 26 އަހަރުގެ ފޯވާޑް އޭނާގެ ކުޅަދާނަކަން ދައްކާ ނިންމާލީއެއްނޫނެވެ. 2-0 ށް ބްރެޒިލްގެ ލީޑް ފުޅާކޮށްދިނުމުގައި މުހިންމު ދައުރެއް ނޭމާ އަދާ ކުރިއެވެ. އެގޮތުން ދެވަނަ ހާފްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފިރްމީނޯ ކާމިޔާބުކުރި ގޯލަކީ، ނޭމާ ނަގައިދިން ހުރަހަކުން ކާމިޔާބުކުރި ގޯލެކެވެ. މީގެއިތުރުންވެސް ނޭމާ ވަނީ މެޗުގައި މޮޅު ކުޅުމެއްދައްކާ ބްރެޒިލަށް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ.

ނޭމާގެ މި ހިތްވަރާއެކު، އޭނާވަނީ ބްރެޒިލް މިފަހަރުގެ ވަރލްޑްކަޕަށް އައީ 2014 ވަނަ އަހަރަށްވުރެ ބޮޑަށް ތައްޔާރުވެގެންކަމަށް ބުނި ބުނުން ތެދުކޮށްދީފައެވެ. އަދި ވަރލްޑްކަޕްގައި ކަޓަމުންދާ ޗެމްޕިއަނުންގެ ހިތްދަތި ލިސްޓަށް ނުވެއްޓި ނޭމާ ބްރެޒިލް ސަލާމަތްކޮށްދީފިއެވެ. ހަމައެއާއެކު އޭނާއަކީ މިފަހަރުގެ ވަރލްޑްކަޕަށް ބްރެޒިލުން އޭނާއަށް ކުރި އިތުބާރުގެ ހައްޤުވެރިއެއްކަން މުޅި ދުނިއެއަށް ސާބިތުކޮށްދީފިއެވެ. މީގެއިތުރުން ނޮކްއައުޓް ބުރުން ކެޓި ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށްވާ މެސީ އަދި ރޮނާލްޑޯއާ އެއްފަދައިން އޭނާގެ ވަރލްޑްކަޕް އުފުލާލުމުގެ ހުވަފެން ކާމިޔާބުކުރުމުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ނަމަވެސް މިއީ ނޭމާގެ އެކަނި މަސައްކަތް ނޫންކަން ފާހަގަކުރަންޖެހެއެވެ. މިފަހަރުގެ ވަރލްޑްކަޕުން ގިނަ ތަރިންތަކެއްގެ ވިދުން ފަނޑުވިއިރު، ނޭމާއާއެކު ބްރެޒިލް މި ވަރލްޑްކަޕްގައި ދެމިއޮތުމަކީ މިފަހަރުގެ ވަރލްޑްކަޕަށް ލިބޭ ދިރުމެއްކަން ގައިމެވެ.