ކުޅިވަރު

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުރަތަމަ ފަހަރަށް މޮޅުވެ އިންގްލެންޑް ގަދަ އަށަކަށް!


ޕެނަލްޓީގައި ކޮލަމްބިޔާ ބަލިކޮށް އިންގްލެންޑް ވޯލްޑްކަޕްގެ ކުއާޓާރ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ވޯލްޑްކަޕްގެ ގަދަ ސޯޅައިގައި އިންގްލެންޑާއި ކޮލަމްބިޔާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އޮތީ އެކެއް އެކަކުން ދެ ޓީމް އެއްވަރުވެފައެވެ.

ހެރީ ކޭން ކާމިޔާބުކުރި ޕެނަލްޓީން އިންގްލެންޑް ލީޑް ނަގައިފައިވަނިކޮށް ނުވަދިހަ މިނެޓު ހަމަވެގެން ދެއްކި އިތުރުވަގުތުގައި ކޮލަމްބިޔާގެ އުއްމީދު ދަމަހައްޓައިދިނީ ޑިފެންޑަރ ޔެރީ މީނާއެވެ. މި ލަނޑާއިއެކު މެޗުގެ ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގައިވެސް ލަނޑެއް ޖެހޭ ގޮތް ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހަނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑް ކުރި ހޯދީ ހަތަރެއް ތިނަކުންނެވެ. އިންގްލެންޑްގެ ހެންޑަސަން ފޮނުވާލި ޕެނަލްޓީ ދިފާއުކޮށް ކީޕަރު އޮސްޕީނާ ކޮލަމްބިޔާއަށް ކުރި ހޯދައިދިން ނަމަވެސް އެޓީމްގެ ޖެހިގެން އައި ދެ ޕެނަލްޓީ ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އުރީބޭ ފޮނުވާލި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ކާލޯސް ބަކާ ޖެހި ޕެނަލްޓީ ކީޕަރު ޕިކްފޯޑްވަނީ ދިފާއުކޮށްފައެވެ. ކޮލަމްބިޔާއިން ޕެނަލްޓީ ކާމިޔާބުކުރި ތިން ކުޅުންތެރިންނަކީ ކެޕްޓަން ފަލްކާއޯ، ކުއަޑްރާޑޯ އަދި މުރިއެލް. އިންގްލެންޑަށް ޕެނަލްޓީ ކާމިޔާބުކޮށްދިން ކުޅުންތެރިންނަކީ ހެރީ ކޭން، ކެއިރެން ޓްރިޕިއަރ، މާކަސް ރަޝްފޯޑް އަދި އެރިކް ޑަޔަރ.

ވޯލްޑްކަޕްގެ ގަދަ އަށަކުން އިންގްލެންޑް އެންމެ ފަހުން ޖާގަ ހޯދީ 2006ވަނަ އަހަރެވެ. މިއީ ވޯލްޑްކަޕްގައި ޕެނަލްޓީ ޖަހައިގެން އިންގްލެންޑް މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މިފަހަރުގެ މުބާރާތުގެ ކުއާޓާރ ފައިނަލްގައި އިންގްލެންޑް ނިކުންނާނީ ސްވިޒަލެންޑް ބަލިކުރި ސްވިޑެންއާއި ދެކޮޅަށެވެ.