ޚަބަރު

ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސަން ބަލާ މިންގަނޑު ލުއިކޮށްފި


ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުުމަށް މާލީ ޙާލަތު ވަޒަން ކުރާ މިންގަނޑު ލުއި ކޮށްފިއެވެ.

ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުމުގެ އުޞޫލަށް ގެނައި އިސްލާޙުގައި ވަނީ ކައިވެނީގެ ޙާލަތާއި ދަރިންގެ އުމުރަށާއި ދިރިއުޅޭ ތަންތަނުގެ ކުއްޔަށް ދައްކަން ޖެހޭ މިންވަރުގެ ނިޞްބަތުން ޕޮއިންޓް ލިބޭ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން އަށާރަ އަހަރުން ދަށުގެ ކުދިން ތިބިނަމަ އެ ކުދިންގެ އުމުރަށް ބެލުމަށްފަހު، ޕޮއިންޓް އިތުރުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ކައިވެނި ނުކޮށް ތިބޭ ފަރާތްތަކުގެ ޕޮއިންޓުވެސް އިތުރުވާ ގޮތަށް އަލަށް ގެނެވުނު އިސްލާޙުގައި ވަނީ ހަމަަޖައްސާފައެވެ. އެގޮތުން ކައިވެނި ނުކޮށް ހުންނަ ފަރާތެއް ނަމަ، އެފަދަ މީހަކަށް ޕޮއިންޓެއްދޭ ގޮތަށް، އަދި ކައިވެނި ކޮށްގެން ތިބި މީހުންނަށް ކުރިން ދެމުން އައި އެއް ޕޮއިންޓްގެ ބަދަލުގައި 1.5 ޕޮއިންޓް ދޭ ގޮތަށް ވަނީ އިސްލާޙު ކޮށްފައެވެ.

ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުމުގެ އުޞޫލަށް ގެނައި އިސްލާޙުގައި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަންޖެހޭ ޢަދަދުގެ ނިޞްބަތަށް ބެލުމަށްފަހު، ކުރިން ދެމުންދިޔަ މިންވަރަށް ވުރެ ޕޮއިންޓު އިތުރުވާ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ.

ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުމުގައި މާލީ ތަނަވަސްކަން ނެތް މީހުން ކަނޑައަޅަނީ އެކަމަށްޓަކައި އެކުލަވާފައިވާ އުޞޫލެއްގެ ދަށުންނެވެ. އެގޮތުން އެ އުޞޫލުގައި ޕޮއިންޓް ދެނީ އެ މީހެއްގެ ދިރިއުޅުމުގެ ޙާލަތާއި ކުރަންޖެހޭ ޚަރަދުތަކަށް ބެލުމަށްފަހުއެވެ.