ޚަބަރު

މި ޒައާމަތު އޮތްހާ ދުވަހަކު ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި އަދަބު ދޭނަން - ރައީސް


މި ޒައާމަތު އޮތްހާ ދުވަހަކު އިސްލާމުދީން ނޫން އެހެން ދީނަކަށް ޖާގަނެތްކަމަށާއި ދީނަށް ފުރައްސާރަކުރާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ ށ މިލަންދޫ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމުގެ ރަސްމިއްޔާތުގައި ޤައުމާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ވެރިކަމުގައި ރާއްޖޭގައި ޑޮމްރަސީ ނެތްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި ބޭރުގެ އެކި އެކި ޤައުމަތަކުން ވާހަކަދައްކަމުން ގެންދާކަމަށެވެ. އެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ ނެތްކަމަށް ބުނެ ވާހަކަ ދައްކާ ފަރާތްތަކުން ޝޯޝަލް މީޑިއާ އާއި ނޫސްތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާލުމުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގައި އޮތް މިންވަރު ރަގަޅަށްވެސް އެގިގެންދާކަމަށެވެ. އެގޮތުން ޣައިރު މުސްލިމުންވެސް އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ނުކުރާނެ މިންވަރަށް ބައެއް ދިވެހި ދަރިން އެކަން ކުރަމުން ގެންދާކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރު ޑިމޮކްރަސީގެ ހަމަތައް ނުހިފައްހައްޓާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަމުން ގެންދަނީ ހަމައެކަނި އެންމެކަމެއް ނުވެގެންކަމަށެވެ. އެއީ ދިވެހިން އެ ދީނަކަށް ތަބާވެ އެދީނެއްގައި ހިފައިހައްޓައިގެން ތިބި އިސްލާމް ދީން ނޫން އެހެންދީނަކަށް މި ސަރުކާރުން ޖާގަ ނުދޭތީކަމަށްވެސް ރައީސް ޔާމީން ވިދަޅުވިއެވެ.

ރައީސް ވިދާޅުވީ ޝޯޝަލް މީޑިއާތައް ބަލާލުމުން ދިވެހި ދަރިން އިސްލާމުދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތަން ހާމަކޮށް ފެންނަ ހުރިކަމަށާއި މި ފަދަ ކުދިންގެ ސިޔާސީ ފިކުރު ގުޅެނީ ކޮން ޕާޓީއަކާއިކަންވެސް އެކުދިން ޕްރޮފައިލްތައް ބަލާލުމުން އެގިގެންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ބުނެ މި ސަރުކާރު ބަދުނާމުކޮށް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ކިތަންމެ ޕްރެޝަރެއް ކުރިމަތިކުރިނަމަވެސް އެމަނިކުފާނުގެ ޒައާމަތެއްގައި އިސްލާމުދީން ނޫން އެހެންދީނަކަށް އެއްވެސް ޖާގައެއް މި ދިވެހި ބިމުގައި ނޯންނާނެކަމަށެވެ. އަދި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތަކަށް ޤާނޫނުން ދެވެން އޮތް އެންމެ މަތީ އަދަބު ދެއްވާނެކަމަށާއި އެކަމަށް އަދަބު ދޭނެ ޤާނުނެއް ނެތްނަމަ ޤާނޫނު ހަދައިގެންވެސް އެކަން ކުރައްވާނެކަމަށެވެ.

ޕީޕީއެމްއަކީ ވަކި އުސޫލުތަކެއް ހިފަހައްޓާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެ ޕާޓީން ހިފަހައްޓަނީ ދިވެހި ރައްޔިތުން ބަލއިގެންފައިވާ ޤާނޫނު އަސާސީ އާއި ދިވެހި ރައްޔިތުންގެދީނާއި ޤައުމިއްޔަތުގެ އުސޫލުތައްކަމަށެވެ. އަދި މީ އަންނަ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހު ބާއްވާ ރިއާސީ އިންތިހާބުގައި ވޯޓްދިނުމުގައި ކޮންމެ ފަރުދަކުވެސް ވިސްނަންޖެހޭކަމެއްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.