ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވަނިކޮށް ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތުގެ ސަބަބުން މިހާރު މަންޒަރު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖެ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ކަންކަން މަތީ ޒުވާނުން މަސްތުވާތަކެތި ބޭނުންކޮށް މާރާމާރީ ހިންގުން އާއްމުވެފައި އޮތްކަން ފާހަގަކުރައްވާ، ހޯމް މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ދިމާވެފައިއޮތް ބިރުވެރިކަން، ރައީސް ޔާމީންގެ ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ފިލާފައިވާކަމަށެވެ. އަދި ކަންކަން މަތީ ބިތްޖެހިފައި ޒުވާނުން ތިބޭ މަންޒަރު ނުފެންނަކަމަށާއި ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތީގެ މިންވަރު އެތައްތަނެއް ދަށްކުރެވިފައިވާކަމަށް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑްގެ ޗެއަރމަން ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެހެނިހެން އިދާރާތައް ގުޅިގެން ކުރަމުންދާ މަސަތްކަތުން، މިއަހަރު އެކަނިވެސް 45 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުދިން އެކަމުން ސަލާމަތްކުރުމަށް ބޭނުންކުރެވޭނެ އެންމެ ބާރުގަދަ ހަތިޔާރަކީ މުޖްތަމަޢުކަން ފާހަގަކުރައްވާ ޑރ.އަލީ ޝާހިދު ވިދާޅުވީ ކިތަންމެ ގިނަ މުއައްސަސާއެއް ގުޅިގެން މަސަތްކަތް ކުރިޔަސް މުޖްތަމައުން އެއްބާރުލުން ނުދީ މިމައްސަލަ ހައްލުނުވާނެކަމަށެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސަތްކަތް ކުރާ ދުވަސް ފާހަގަކުރުމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ބޭއްވި ޚާއްޞަ ޖަލްސާގައި ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ވަނީ ކްލައިންޓް މެނޭޖްމެންޓް ގެ ނަމުގައި ޚާއްޞަ އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފައެވެ. މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ނޭޝަނަލް ޑްރަގް އެޖެންސީއިން ފަރުވާ ހޯދަމުން އަންނަ މީހުންގެ މަޢުލޫމާތާއި އެމީހުންނަށް ފަރުވާ ދީފައިވާ މިންވަރު އެނގިގެންދާނެއެވެ. މީގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީއިން ވަނީ މި އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އެޖެންސީ އިން ފަރުވާ ހޯދި މީހުންގެ ތަފާސްހިސާބު އެކުލެވޭ ފޮތެއްވެސްނެރެފައެވެ.
ނޭޝަނަލް ޑްރަގް އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ނޭޝަނަލް ޑްރަގް އެޖެންސީ އިން ކުރިޔަށް ގެންދިޔަ ރިހެބްލިޓޭޝަން ޕްރޮގްރާމް ތަކުގައި ބައިވެރިވި މީހުންގެ ތެރެއިން 73 އިންސައްތަ މީހުން ކާމިޔާބުކަމާއެކު ރިހެބިލިޓޭޝަން ޕްރޮގްރާމް ނިންމައިފައިވެއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދާއި ވަޒީރުން ބައިވެރިވެޑައިގެންނެވިއެވެ.