ޚަބަރު

އިބޫއަށް މަރުހަބާ ކިޔާ މަޝްވަރާތަކަށް އައުމަށް ސަރުކާރުން ގޮވާލައިފި


އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް ކަނޑައެޅި އިބްރާހިމް މުހައްމަދު ސާލިހަށް ސަރުކާރުން މަރުހަބާ ކިޔާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އައުމަށް ގޮވާލައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމުސީލު ކުރާ އޯލް ޕާޓީ ޓޯކްސްގެ ޗެއާޕާސަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ނެރުއްވި ބަޔާނެއްގައި ވަނީ އެމްޑީޕީގެ ކޮންގްރެސްގައި އެޕާޓީގެ ރިޔާސީ ޓިކެޓް ޝަރުތު ހަމަވާ ބޭފުޅަކަށް ދޭން ނިންމި ނިންމުމަކީ ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް އެޕާޓީން ނިންމި މުހިއްމު ނިންމުމެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި އެ ނިންމުމަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބެއް ބޭއްވުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށްވެސް ދިވެހި ސަރުކާރުން ޤަބޫކުރާކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އެމްޑީޕީގެ މި ނިންމުމުގެ ސަބަބުން ދިވެހި ސަރުކާރުން އިސްނަގައިފައިވާ ޕާޓީތަކުގެ މަޝްވަރާތަކަށް އެދެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްމީދުކުރާކަމަށްވެސް ޑރ ޝައިނީގެ ބަޔާނުގައިވެއެވެ. އެމްޑީޕީގެ ނިންމުމަށް މަރުހަބާ ކިޔާ ސަރުކާރުންވަނީ އަނެއްކާވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެމްޑީޕީއަށް ގޮވާލާފައެވެ. އަދި އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ޤައުމީ ލަފާދޭ ކޮމިޓީ ބޮއިކޮޓް ކުރުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ. އަދި ހަމަހަމަ އިންސާފުވެރި އިންތިޚާބީ މަރުހަލާތަކެއް ކުރިޔަށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރުމަށްވެސް ސަރުކާރުންވަނީ އެމްޑީޕީއަށް ގޮވާލާފައެވެ.

މިނިވަން، އިންސާފުވެރި އަދި ކާމިޔާބު އިންތިޚާބެއް ބޭއްވުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން މުހިއްމުކަންވެސް ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.