ޚަބަރު

ރައީސް ޔާމީން އާއި ވާދަކުރެވޭވަރުގެ އެއްވެސް ކެނޑިޑޭޓެއް ނެތް - އަބްދުއްރަހީމް


އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އާއި ވާދަކުރެވޭވަރުގެ އެއްވެސް ކެނޑިޑޭޓެއް ނެތްކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ކެމްޕެއިން ހަރަކާތަކާއި ގުޅޭ މައުލޫމާތު މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނާއިބުރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ނަން ބަދަލުކޮށްގެން ރައްޔިތުންނާއި ހަމައަށް ދިއުމުން ވާނެ ފައިދާއެއްނެތްކަމަށެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލި ކުރެވޭވަރުގެ އެއްވެސް ކެނޑިޑޭޓެއް އިދިކޮޅަކު އަދި ނެތް ކަމަށެވެ.

އަބްދުއްރަހީމު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓް ނެރުމުގައި ހަމައެކަނި ބަދަލުވީ ނަން ކަމަށާއި ރައްޔިތުން ވިސްނަންޖެހޭ ކަމަކީ އިބްރާހިމް މުހައްމަދު ސާލިހު ނުވަތަ އަބްދުﷲ ޝާހިދު އިންތިހާބަށް ނުކުންނަމަވެސް އެއީ ހުސް އެމްޑީޕީގެ ކެންޑިޑޭޓޫންކަމެވެ. އެމްޑީޕީގެ ވެރިކަމުގައި ދިވެހިން ތަޖުރިބާކުރީ ފަނާކުރުން އެކަނިކަމަށާއި އޭގެ ބަދަލުގައި ޕީޕީއެމްގެ ވެރިކަމުގައި ފެނުނީ ބިނާކުރުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަންނަ އިންތިހާބާއި ގުޅިގެން އެމްޑީޕީން ނިންމާފައިވާ ނިންމުންތަކަށް ފާޑު ވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހި ރައްޔިތުން ދޮޅު އަހަރުގެ ސަރުކާރެއް ބޭނުންނުވާކަމަށާއި ދިވެހިން ބޭނުންވަނީ ތަރައްޤީއާއި އެކު ކުރިއަށް ދިއުމަށްކަމަށެވެ. އެމްޑީޕީން ހަމައެކަނި ބޭނުންވެގެން މިއުޅެނީ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ގެނެސް ނަޝީދު މިނިވަންކޮށް އަވަހަށް އިންތިޚާބަކަށް ދާނެ ގޮތް ހެދުންކަމަށާއި، އިބޫއާއި ހަވާލުކޮށްގެން އުޅޭ ޓާސްކަކީ އޭއީކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ޓިކެޓްގައި ކޮންމެ މީހަކު ނިކުތް ކަމުގައިވީ ނަމަވެސް ހިނގާނީ ނަޝީދުގެ ބާރުކަމަށާއި، އިބޫ ވާނީ ނަޝީދުގެ ޕަޕެޓަކަށްކަމަށެވެ. އަދި އިބްރާހިމް މުހައްމަދު ސާލިހަށް އޭނާގެ އަމިއްލަ އިހުތިޔާރުގައި އެއްވެސް ކަމެއް ނުކުރެވޭނެކަމަށްވެސް އަބްދުއްރަޙީމު ވީދާޅުވިއެވެ.