ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާ ފައިނޭންޝިއަލް އިންކްލޫސިވް ނިޒާމެއް ކުރިއަށްއޮތް 5 އަހަރު ދުވަހު ޤާއިމުކުރުމަކީ އެމްއެމްއޭއިން ހާސިލުކުރަން ބޭނުންވާ މުހިންމު އަމާޒެއް ކަމަށް ގަވަރނަރ އަޙްމަދު ނަސީރު ވިދާޅުވެއްޖެއެވެ.
ގަވަރނަރ މިހެން ވިދާޅުވީ އެމްއެމްއޭގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. އެމްއެމްއޭގެ އަހަރީ ދުވަހަކީ 1 ޖުލައި 1981އެވެ.
ގަވަރނަރ އަޙްމަދު ނަސީރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ދާއިރާއެއްވެސް ޑިޖިޓަލައިޒް ވަމުންދާއިރު ރާއްޖޭގެ މާލީ ދާއިރާވެސް މި ކަމުގައި ޝާމިލުވެ ތަރައްޤީކުރުމައްޓަކައި ގިނަ މަސައްކަތްތަކެއް އެމްއެމްއޭ އިން މިހާރު ކުރަމުންދާކަމަށެވެ. އެގޮތުން ފާއިތުވިދުވަސްތަކުގައ މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާކަމަށް ނަޞީރު ވިދާޅުވިއެވެ. އަދި މުސްތަޤްބަލުގައި އެމްއެމްއޭއިން ދެމުންދާ ޚިދުމަތްތައް އިތުރަށް ތަރައްްޤީކޮށް ޒަމާނީ ޚިދުމަތްތަކެއް ދޭން ރާވާފައިވާ ކަަމަށާ، އެގޮތުން ދިވެހިރާއްޖޭގެ މާލީ ދާއިރާގައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާ ފައިނޭންޝިއަލް އިންކްލޫސިވް ނިޒާމެއް ކުރިއަށްއޮތް 5 އަހަރު ދުވަހު ޤާއިމުކުރުމަކީ އެމްއެމްއޭއިން ހާސިލުކުރަން ބޭނުންވާ މުހިންމު އަމާޒެއް ކަމަށް ގަވަރނަރ ވިދާޅުވިއެވެ.
ގަވަރނަރ އަހުމަދު ނަސީރު ވިދާޅުވީ މާލީ ދާއިރާ ޑިޖިޓަލައިޒްކޮށް އެންމެ އާދައިގެ މީހާއަށްވެސް މި ދާއިރާގެ ޚިދުމަތްތަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަކީ އެމްއެމްއޭގެ އަމާޒެއްކަމަށެވެ.
މީގެއިތުރުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ރާއްޖޭގެ މަނިޓަރީ ހަރުދަނާކަން ހިފެހެއްޓުމާއި، ރާއްޖޭގައި ހަމަޖެހޭ ރަނގަޅު އިޤްތިޞާދީ ތަރައްޤީއެއް ގެނެވޭފަދަ ގޮތެއްގައި މާލީ ހާލަތު ކުރިއެރުވުމައްޓަކައި ކުރިއައް އޮތްތަނުގައިވެސް ސްޓްރެޓީޖިކް އެޝަން ޕްލޭނެއްގެ ދަށުން މަސައްކަތް ކުރުމަށް ރާވާފައިވާކަންވެސް ގަވަރނަރ ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަކީ ފައިސާނެރުމާއި، ފައިސާ ލިބެން ހުންނާނޭ ގޮތް ހަމަޖެއްސުމާއި، އަދި ދިވެހިރުފިޔާގެ ބައިނަލްއަޤްވާމީ އަގު ކަޑައެޅުމުގެ އިތުރުން ރާއްޖޭގެ މާލީ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ބޭންކް މުޢާމަލާތްތަކާބެހޭ އުސޫލްތައް އެކަށައަޅައި، ހިންގައި، އެކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމުގެ ބެލެނިވެރި ފަރާތެވެ.