ޚަބަރު

ޓެރަރިޒަމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި


ޓެރަރިޒަމް ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްޓަކައި ޤައުމުތަކުން އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދ.ގެ ކައުންޓަރ ޓެރަރިޒަމް ކޮންފަރެންސްގައި ރާއްޖޭގެ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ދެއްވި ތަޤްރީރުގައެވެ.

އ.ދގެ މެންބަރު ޤައުމުތަކުގެ ކައުންޓަރ ޓެރެރިޒަމް އޭޖެންސީތަކުގެ އިސް ވެރިންނަށް ބޭއްވި މަތީ ފަންތީގެ މި ކޮންފަރެންސްގެ 4 ވަނަ ސެޝަން ގައި ވާހަކަދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރެރިޒަމަކީ ދުނިޔޭގެ ޤައުމުތަކަށް މިހާރު ދިމާވެފައިވާ ބޮޑު ނުރައްކަލެއް ކަމަށާއި މިކަމާއި ދެކޮޅައް ދުނިޔޭގެ ހުރިހާ ޤައުމަކުން މަސައްކަތްކުރަން ޖެހޭކަމަށެވެ.

ޓެރަރިޒަމްގެ ބިރަކީ ދުނިޔޭގެ ހުރިހާ ޤައުމަކަށްވެސް ދިމާވެފައިވާ ބިރެއްކަން ފާހަގަކުރައްވާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖެއިންވެސް މިކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމަކީ ރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމެއްކަންވެސް ޒަކަރިއްޔާ މަންސޫރުވަނީ ފާހަގަކުރައްވާފައެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުން ހުއްޓުވުމަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރެއް ޤާއިމްކޮށް ޤައުމީ ފެންވަރެއްގައި ރާއްޖެއިން މަސައްކަތް ފަށާފައިވާއިރު ބައިނަލްއަޤްވާމީ މައިދާނުގައިވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޓެރަރިޒަމް ހުއްޓުވުމާގުޅޭގޮތުން އެކި ޤައުމުތަކާއެކު މަޝްވަރާތައް ބާއްވަމުންދާއިރު އެކި ފޯރަމްތަކުގައިވެސް ރާއްޖެއިން ދަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމަށް ޒީރޯ ޓޯލަރރެންސް ދިނުމަކީ، ނުވަތަ އެއްވެސް މިންވަރަކަށް ފުރުސަތު ނުދިނުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތެކެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރުތައް ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަކީވެސް ސަރުކާރުގެ ސިޔާސަތެކެވެ.