ކުޅިވަރު

9 އަހަރުގެ މަލައިކާއަށް އެފްއޭއެމްއިން ހޯދައިދިނީ ބޮޑު އުފަލެއް!


ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 9 އަހަރުގެ މަރިޔަމް މަލައިކާ މާހިދަކީ ފުޓްބޯޅައަށް ނުހަނު ޝައުގުވެރިންކަން ހުންނަ ކުއްޖެކެވެ.

އިނގިރޭސި ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. މެންޗެސްޓަރ ޔުނައިޓެޑާއި، އިނގިރޭސި ޤައުމީ ޓީމްގެ ކުރީގެ ކެޕްޓަން ވޭން ރޫނީގެ ވަރަށް ބޮޑަށް ތާއީދުކުރާ، ސަޕޯރޓްކުރާ ކުއްޖެކެވެ. ރޫނީގެ ޚަބަރުތައް ވަރަށް ގާތުން ބަލަމުން އަންނަ ފުޓްބޯޅައަށް ޝައުޤުން ފުރިފައިވާ ސަޕޯޓަރެކެވެ. މަލައިކާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔަކަށް ފަރުވާކުރާ، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
މަލައިކާއަށް އެންމެ ބޮޑަށް މީޑިޔާގެ ސަމާލުކަން ހުއްޓުނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް ވޭން ރޫނީ އައިސް ޗުއްޓީ ނިންމާލާފައި ދިއުމުގެ ކުރިން ރޫނީއާއި ބައްދަލުވެ، އޭނާއާއި އެއްކޮށް ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ވައިރަލްވި ހިސާބުންނެވެ. މަލައިކާގެ މަންމަ ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ބުނީ މަލައިކާއަށް ކިތަންމެ ކުޑަ އުފަލެއް ހޯދައިދިނުމަށްވެސް މުޅި އާއިލާވެސް ޤުރުބާންވާނެކަމަށެވެ. މީގެ ތިން އަހަރު ކުރިން ރޫނީގެ މެޗްތައް ބަލާ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ޖަރޒީ ލުމަކީވެސް މަލައިކާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. ރޫނީ މާލެ އައިކަން އެނގިގެން އާއިލާއިން ރޫނީއާއި މަލައިކާ ބައްދަލުކުރުމަށް މަސައްކަތްފެށިއެވެ.

"މެންޗެންސްޓަރއަށް ވަރަށް ބޮޑަށް މަލައިކާ ސަޕޯރޓް ކުރޭ. ހާއްސަކޮށް ކުރަނީ ރޫނީއަށް. ރޫނީ ރާއްޖެއައިކަން އެނގުމުން، އާއިލާއިން މަސައްކަތް ކުރީ ރޫނީ ފުރާ ދުވަސް ހޯދަން. އެދުވަސް އެނގުމުން އެއާޕޯޓަށް ދިޔައީ. ވަރަށް ގިނައިރު މަލައިކާ މަޑުކުރި ރޫނީއާއި ބައްދަލުކުރުމަށް އެއާޕޯރޓްގަ. ރޫނީއާއި ދިމާވުމުން، ރޫނީއަށް ދިނުމަށް ހެދި ހާއްސަ ކާޑް ރޫނީއަށް ދިން. މަލައިކާ ހުރީ ވަރަށް އުފަލުން. އުފަލުންގޮސް އެވަގުތު މާގިނަ ވާހަކައެއްވެސް ނުދެއްކުނު." މަލައިކާގެ މަންމަ ކިޔައިދިނެވެ.

މަލައިކާގެ މަންނަ ޝިއުނާ ބުނީ އަބަދުވެސް މަލައިކާ ގަލޮޅު ރަސްމީ ދަނޑަށް ދާން ބޭނުންވާކަމަށާއި ގޯލެއް ޖަހަން ވަރަށް ބޮޑަށް ބޭނުންވެގެން އަބަދުވެސް އެވާހަކަ ބުނާކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ އެންމެ ބޮޑު ލީގު، ދިރާގު ދިވެހި ޕްރިމިއާރ ލީގް ހުޅުވައިދިނީ މަލައިކާއެވެ. މިއީ މަލައިކާއަށް ލިބުނު ބޮޑު އުފަލެކެވެ. އަދި އާއިލާއަށްވެސް ލިބުނު އުފަލެކެވެ.

" އެފްއޭމްއިން މިފުރުސަތު ދިނީތީ މަލައިކާ ހުރީ ވަރަށް އުފަލުން. ފުރަތަމަ އެފްއޭއެމްއިން ގުޅިއިރު މަލައިކާ ހުރީ ސްކޫލްގަ. ސްކޫލްއިން އައުމުން މަލައިކާ ކައިރީގައި އެވާހަކަ ބުނީ. ހުރީ ވަރަށް އުފަލުން. އަބަދުވެސް މަލައިކާ ބޭނުންވާކަމެއް އެއީ ގަލޮޅު ދަނޑުގައި ބޯޅައެއް ޖަހާލުން. އެރޭ އެރަސްމިއްޔާތު ނިންމާފައި ގެއަށް އައިސް ވަރަށް ގިނަ ވާހަކަދެއްކި." މަލައިކާގެ މަންމަ ބުންޏެވެ.

ރޫނީއާ ބައްދަލުވި ދުވަހާއި ގަލޮޅު ރަސްމީ ދަނޑަށް ދެވުނު ދުވަހަކީ މަލައިކާގެ ހަޔާތުގައި އެންމެ އުފާވި އެއް ދުވަސްކަމަށް މަލައިކާގެ މަންނަ ބުންޏެވެ. ރާއްޖެއިން މަލައިކާ އެންމެ ބައްދަލުކޮށްލަން ބޭނުންވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގާއެވެ. އެކަން ހަޤީޤަތަކަށް ހަދައިދިނުމަށް އެފްއޭއެމްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.

"އެންމެ ފުރަތަމަ މީޑިޔާއިން މަލައިކާގެ ވާހަކަ އެނގުނީ. އެހިސާބުން އެފްއޭއެމްއިން މަސައްކަތް ފެށި. ވަރަށް ގާތް ރައްޓެއްސަކު އެފުރުސަތު ތަނަވަސްކޮށްދިނީ. މަލައިކާގެ އާއިލާއަށް ގުޅުމަށްފަހު ދަނޑަށް ގެންދެވޭ ގޮތަށް މަސައްކަތް ފެށި. މިއީ އަސްލުގައި އެފްއޭއެމްއަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަބަދުވެސް އަޅުގަނޑުމެން ބަލަން މިކަހަލަ، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުވަފެންތަށް ހަގީގަތަކަށް ހަދާދެވޭތޯ. " އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

އެފްއޭއެމްއިން މީގެ ކުރިންވެސް ގިނަ މުބާރާތަކުގައި ޝަރަފްވެރި މެހެމާން އަދި މުބާރާތް ފެށުމުގެ ގޮތުންވެސް ހާއްސައެހީއަށް ބޭނުންވާ ކުދިންނާއި އެންޖީއޯތަކަށްވެސް އައީ ފުރުސަތު ދެމުންނެވެ.