ކުޅިވަރު

ވިކްޓްރީ އަތުން ފެހެންދޫއަށް ލިބުނު ޕޮއިންޓަކީ ތަށްޓެއް: ވިކްޓްރީގެ ކުރީގެ ކެޕްޓަން


ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމަކީ ތަށްޓެއް ލިބުން ކަހަލަ ކަމެއް ކަމަށް ފެހެންދޫގެ އެސިސްޓެންޓް ކޯޗް އިސްމާއިލް އަނިލް ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓްރީ އާއި ފެހެންދޫ ވާދަކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ވިކްޓްރީއަށް މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނެވެ. ފެހެންދޫއިން މެޗްގައި ދެއްކީ ވަރަށް ޑިފެންސިވް، ލަސް ކުޅުމެކެވެ. މެޗަށްފަހު ފެހެންދޫގެ އެސިސްޓެންޓް ކޯޗް ބުނީ ދެ ޓީމް އަޅާކިޔާއިރު މި ނަތީޖާ ނުކުތުމަކީ ފެހެންދޫ ޓީމަށް ކާމިޔާބީއެއް ކަމަށާއި، ކުޅުންތެރިން ކުޅުނީ ކޯޗުގެ އިރުޝާދާ އެއްގޮތަށް ކަމުން ހިތްހަމަޖެހޭ ކަމަށެވެ.

"ހަޤީގަތުގައި ބަލާއިރު އަހަރުމެންގެ ޓީމާ ވިކްޓްރީއާ ބަލާއިރު، ނާސަރީއިން ފެށިގެން ޑިގްރީއާހާ ތަފާތު ދެ ޓީމް މިއީ، އަހަރުމެންނަކީ ނުލާހިކު މަދު އާބާދީއެއްގެ ޓީމެއް، ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުނީމަ އެއީހަމަ ސީދާ ތަށްޓެއް ލިބުން ކަހަލަ ކަމެއް، އަނެއްކާ އަހަރުމެން ޓީމް ކުދިންނަށް ސާބަސްދެން، އެއީ އެކުދިން ކޯޗު ބުނި ގޮތަށް އެ ޑިސިޕްލިންއާއެކީ ކުޅުނީމަ މުޅި އެތި މި ލިބުނީ. އެމީހުން ކުރި މަސައްކަތަށް އައްސަރިބަހާ ސާބަސް ދެން" މެޗަށްފަހު ވިކްޓްރީގެ ކުރީގެ ކެޕްޓަން އަނިލް ބުންޏެވެ.

ވިކްޓްރީގެ ކޯޗް ލާޒްލޯ ކިސް ބުނީ ފެހެންދޫ ޓީމުން ފަސް މިނިޓް ކުޅުނިއްޔާ އަނެއް ދެ މިނެޓްގައި ތިބެނީ ނިދާފައި ކަމަށާއި، ނަމަވެސް އެ ޓީމްގެ ޓެކްޓިކް ވަރަށް މޮޅު ކަމަށެވެ. އަދި ވިކްޓްރީ ޓީމްގެ ކުޅުން ރަނގަޅު ކަމަށާއި މޮޅު ނުވިޔަސް ހިތާމަ ނުކުރާކަމަށެވެ.

"މަރުހަބާ އަނެއް ޓީމަށް. ވަރަށް ރަނގަޅު ޓެކްޓިކެއް، ފަސްމިނެޓް ކުޅެފަ، ދެ މިޓް ނިދާފަ. މިއަދު އަހަރެންގެ ޓީމް މަސައްކަތްކުރީ، އަނެއްޓީމުން ކުޅުމެއް ނުފެނޭ. މައްސަލައެއް ނޫން، މޮޅުނުވިއަސް ދެރައެއް ނުވޭ. މިއީ ފުޓުބޯޅަ." ކިސް ބުންޏެވެ.

ރޭ ފެހެންދޫއާ ވިކްޓްރީ ބައްދަލު ކުރި މެޗަކީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މި ދެޓީމްގެވެސް ފުރަތަމަ މެޗެވެ. ދެން ދިވެހި ލީގުގެ މެޗްތައް އޮންނާނީ އަންގާރަ ދުވަހުއެވެ.