ކުޅިވަރު

ޖަރުމަނު މީހުން ބޭނުންވަނީ ކޯޗުކަމުގައި ލޯ ހުންނަންތަ؟


ޖަރުމަނުގެ ގިނަ ބަޔަކާއި، ކުޅުންތެރިން ކޯޗުކަމުގައި ޖޯހިމް ލޯ ދެމިހުރުމަށް ބޭނުން ކަމަށް ބުނެފިއެވެ.

އެހާރާއި މިހާރުގެ ބައެއް ކުޅުންތެރިން މިހެން ބުނީ ފާއިތުވެދިޔަ 12 އަހަރު ތެރޭގައި ޖަރުމަނަށް ކުރިމަތިވި އެންމެ ހިތްދަތި ބަލިވުން ކުރިމަތިވެ، ކޯޗުކަމުން ލޯ ވަކިވެދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށެވެ.
ޖަރުމަނުގެ ކޯޗުކަމާ ލޯ ހަވާލުވީ 2006 ވަނަ އަހަރުގެ ވަރލްޑް ކަޕުގައި ޓީމުގެ އެސިސްޓެންޓަކަށް ހުރުމަށަފަހު، އެއިރުގެ ކޯޗު ޖާގެން ކްލިންސްމަން އިސްތިއުފާދިނުމުންނެވެ. އޭގެ ފަހުން ކުޅުނު ހުރިހާ ބޮޑު މުބާރާތެއްގައި ލޯ ވަނީ ޖަރުމަނު އެންމެ ދަށްވެގެން ސެމީ ފައިނަލަށް ގެންގޮސްދީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ރަޝިޔާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުން އެ ޤައުމު ކެޓީ ފުރަތަމަ ބުރުންނެވެ.
މިހެންވެ ޖަރުމަނުގެ ޓީވީ ސްޓޭޝަނަކުން ވަނީ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައެވެ. މި ވޯޓުގައި 48 އިންސައްތަ މީހުން ބޭނުންވަނީ ކޯޗުކަމުގައި ލޯ ދެމި ހުރުމަށެވެ. އޭނާ ވަކިވާން ބޭނުންވަނީ 37 ޕަސެންޓް މީހުންނެވެ. 15 ޕަސެންޓް މީހުން ވަކި ގޮތެއް ނުނިންމައެވެ.
ޓީމުގެ މިޑްފީލްޑަރު ސާމީ ކެރީދާ ބުނީ ލޯ މަޤާމުގައި ހުންނަންވީ ކަމަށެވެ.

"އޭނާ މަޤާމުގައި ހުރުން މުހިންމު. ޓީމަށް ޒުވާން ކުޅުންތެރިން ގެނެސް އޭނާ ޓީމު ބައްޓަންކުރަންވީ. އަހަރުމެން މިތިބީ އޭނާގެ މަސައްކަތާއި އޭނާގެ ރޭވުންތެރިކަމާމެދު ހިތްހަމަޖެހިފައި،" ކެދީރާ ބުންޏެވެ.

އެޓޭކިން މިޑްފީލްޑަރު ތޯމަސް މުލާ ވެސް މިކަމާ އެއްބަހެވެ. އޭނާ ވަނީ ކެދީރާގެ ވާހަކަތަކަށް ތާއީދުކޮށްފައެވެ.
ކުރީގެ ކުޅުންތެރިންގެ ތެރެއިން ކްރިސްޓޮފާ މެޓްޒެލްޑާ ބުނީ ކޯޗަކު ދާން ދޫކޮށްލެވިދާނެ ކަމަށާއި، ނަމަވެސް އެ މަޤާމު ފުރާނެ ރަނގަޅު އެހެން ކޯޗަކު މިވަގުތު ނުފެންނަ ކަމަށެވެ.
1990 ވަނަ އަހަރުގެ ވަރލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނުގެ ކެޕްޓަން ލޮތާ މަތެއަސް ބުނީ ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ލޯ މަޤާމުން ވަކިނުކުރާނެ ކަމަށާއި ޖަރުމަނުގެ ކޯޗުކަން ކުރެވޭހާ ޤާބިލްކަމާއި ވިސްނުން ހުރިނަމަ ލޯ މަޤާމުގައި ހުންނަންވީ ކަމަށެވެ.

"ސުވާލަކީ އޭނާގެ ކިބާގައި މި އޮޑި ދުއްވާނެ ޤާބިލްކަމާއި، ވިސްނުން ހުރިތޯ. އެހެން ވެއްޖެނަމަ އޭނާ މަޤާމުގައި ހުންނަންވީ. އަހަންނަށް އެކަން (ލޯ ކިބާގައި އެގާބިލްކަން ހުރިކަން) ޔަގީން،" މަތެއަސް ބުންޏެވެ.

ލޯ މަޤާމުން ވަކިވެއްޖެނަމަ އެ މަޤާމަށް ގެންނާނެ ތިން ނަމެއްވެސް އެބައޮތެވެ. އެއީ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕާއި، ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ޔަޕޮ ހެއިނެކްސް އާއި 22 އަހަރަށް ފަހު އާސެނަލް ދޫކޮށްލި ފްރާންސްގެ ކޯޗު އާސެން ވެންގާއެވެ.