ޚަބަރު

ރައީސް ޔާމީން 52 ޕަސެންޓުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ - ނިހާން


ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު 52 ޕަސެންޓުން ރައީސް ޢަބްދުﷲ ޔާމީން ކާމިޔާބުކުރައްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ރޭހަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވާ ޕީޕީއެމް ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ޙުސައިން މަނިކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިސާބު ޖަހާނެ ގޮތަކަށް ހިސާބު ޖައްސަވަންވީ ކަމަށެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީން 52 އިންސައްތަ ވޯޓުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"2018 ރިޔާސީ އިންތިޚާބު ﷲގެ އިރާދަފުޅާއި މިންވަރު ފުޅާއެކު ރައީސް ޔާމީން 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެ،" ނިހާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ ނަމުގައި އެމްޑީޕީން ފާއިތުވި 13 އަހަރު ރައްޔިތުންނަށް ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ. އެއާ ޚިލާފަށް ފާއިތުވި ފަސް އަހަރު ރައީސް ޔާމީން ޤައުމު ތަރައްޤީ ކުރި މަންޒަރު ދިވެހި ރައްޔިތުން ލޮލުންދެކި އަތުން ހިފާފައިވާ ކަމަށެވެ.

އިންތިޚާބުގައި ރައީސް ޔާމީންއާއި ވާދަކުރުމަށް އިދިކޮޅު ކޯލިޝަނުން ގުޅިގެން ކެނޑިޑޭޓުން ނެރެން ނިންމާފައިވާއިރު، އިންތިޚާބުގައި ވާދަކުރާނީ އެމްޑީޕީގެ ކެނޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ ރަނިން މޭޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.