ކުޅިވަރު

ފ.ނިލަންދޫ ކޮޅަށް ޓީސީން 6 ލަނޑު!


ޓީސީއަށް ބަދަލުވެ، ކުޅުނު ފުރަތަމަ މެޗުގައި އަލީ އަޝްފާގު (ދަނގަޑޭ) ކާމިޔާބުކޮށްދިން ދެ ގޯލާއެކު ފ.ނިލަންދޫގެ މައްޗަށް ޓީސީން ކުރި ހޯދައިފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ އާއި ނިލަންދޫ ވާދަކުރި މެޗު ޓީސީ ކާމިޔާބުކުރީ 6-1 ލަނޑުންނެވެ. މި މެޗުގައި އިބްރާހިމް ވަހީދު ހަސަން އަދި އަލީ އަޝްފާގު ދެ ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނެވެ. އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އާއި އިބްރާހިމް މަހުދީއެވެ. މި މެޗުގައި ޓީސީން އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ ފަސްވަނަ މިނިޓުގައެވެ. މި ލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު)އެވެ.
ޓީސީގެ ފުރަތަމަ ލަނޑު ޖެހިތާ އަށް މިނެޓު ފަހުން އަލީ އަޝްފާގް ވަނީ ޓީސީއަށް އޭނާގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. މީގެ އިތުރުންވެސް އަޝްފާގަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ޓީސީން ކާމިޔާބުކުރި ތިން ވަނަ ލަނޑު އިބްރާހިމް ވަހީދު ހަސަން ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު (ފޭދޫ އިއްބެ) އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލުގެ ކަނަށް ވައްދާލައިގެންނެވެ.
ޓީސީގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ އަލީ އަޝްފާގެވެ. މިއީ އޭނާ މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑުވެސްމެއެވެ. މެޗުގައި ދެވަނަ ހާފުގައި ނިލަންދޫން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ގޯލެއް ޖަހަން މަސައްކަތްވެސް ކޮށްފައެވެ. މި މެޗުގައި ޓީސީގެ ފަސްވަނަ ލަނޑު މެޗުގެ ފަންސާސް ނުވަ ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އިބްރާހިމް ވަހީދު ހަސަންއެވެ. އަދި އޭގެ ފަހުން ނިލަންދޫގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަލީ އަޝްފާގަށް ވަނީ ހެޓްރިކް ހަދާނެ ފުރުސަތެއްވެސް ތަނަވަސްކޮށްފައެވެ. ޓީސީގެ ހަވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އެވެ.

މި މެޗުގައި ފ.ނިލަންދޫން ކާމިޔާބުކުރި ލަނޑަކީ މެޗުގެ ނުވަދިހަ ވަނަ މިނެޓުގައި ޓީސީގެ މުހައްމަދު އައްޒާމް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ. އޭގެ ފަހުން ކުޅުނު އިތުރުވަގުތުގެ ތެރޭގައި ނިލަންދޫގެ ކުޅުން އިތުރަށް ރަނގަޅުވިއެވެ.

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ މާގިނަ ގޯލުތަކެއް ޖަހަގައިގެން މޮޅުވާން މަސައްކަތް ނުކުރާކަމަށާއި، އަމާޒަކަށްވީ ލީގުގެ ފުރަތަމަ މެޗަށްވުމުން ތިން ޕޮއިންޓު ހޯދުން ކަމަށެވެ. މާލޭ ލީގުގައި ނިއުރޭޑިއަންޓަށް ކުޅުމަށްފަހު ޕްރިމިއަރ ލީގަށް ޓީސީއަށް ބަދަލުވި އަލީ އަޝްފާގް (ދަގަނޑޭ) އާއި ގުޅޭގޮތުން ވާހަކަދައްކަމުން ނިޒާމް ބުނީ އަޝްފާޤަކީ ޓީސީއަށް އާ ކުޅުންތެރިއެކޭ ބުނާކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތުން މި މެޗުގައި ފެނިގެންނުދާކަމަށެވެ. އަދި އެހެން ކުޅުންތެރިންނާއި ގުޅިގެން ގޯލު ޖަހަން އަޝްފާގް މަސައްކަތްކުރިކަންވެސް ނިޒާމް ފާހަގަކުރިއެވެ.

"މެޗަށް ނުކުތީ މާގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވާކަށްނޫން. ލީގުގެ ފުރަތަމަ މެޗަށް ވުމުން ތިން ޕޮއިންޓް ހޯދުން މުހިއްމީ. ދެން އެކަންވުމުން ހިތްހަމަޖެހޭ. އަޝްފާގާ ގުޅޭގޮތުން ދެން ބުނެވޭނީ އަސްލު އޭނާގެ ފަރާތުން އެއްވެސް ވަރަކަށް އާކަން ފެނިގެންގޮސްފައެއްނުވޭ. ހަމަ ވަރަށް ރަނގަޅަށް އެހެން ކުޅުންތެރިންނާއި ގުޅިގެން ކުޅުނު މަންޒަރު ފެނިގެން މިދިޔައީ." ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ ފ.ނިލަންދޫ ޓީމުގެ މެނޭޖަރ އަބްދުލް ހަލީމް ހަމީދު މެޗަށް ފަހު ބުނީ ތައްޔާރުވާން ލިބުނު ވަގުތަށް ބަލާއިރު، މި މެޗުގައި ނުކުތް ނަތީޖާއާއި މެދު ހިތްހަމަޖެހޭކަމަށެވެ. އަދި ފުރަތަމަ ޑިވިޝަންގެ ވަރުގަދަ ޓީމަކާއި ދެކޮޅަށް ނިލަންދޫ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާއި ދޭތެރޭ ފަޙުރުވެރިވާކަމަށްވެސް މެނޭޖަރ ބުންޏެވެ.

"އަސްލު ލީގަށް ތައްޔާރުވާން ލިބުނު ވަގުތާ ބަލާފައި މި މެޗުގައި މި ނުކުތް ނަތިޖާ ގޯހެކޭ ނުބުނެވޭނެ. ވަރަށް ހިތްހަމަޖެހޭ ފުރަތަމަ ޑިވިޝަންގެ ވަރުގަދަ ޓީމަކާއި ދެކޮޅަށް މިވަރުގެ ކުޅުމެއް ކުޅުންތެރިން ދެއްކީތީވެސް. ދެން ޓީސީން ހަ ލަނޑު ޖެހިފަހުން އަޅުގަނޑުމެންގެ ޓާގެޓަކަށްވީ އެއަށްވުރެ އިތުރަށް ލަނޑު ޖެހިޔަނުދީ އެ ނަތީޖާގައި މެޗު ހިފަހައްޓާލަން." މެނޭޖަރ ހަލީމް ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިއަދުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ވާދަކުރާނީ ށ.ފޯކާއިދޫއާއެވެ. މިރޭ ވިކްޓްރީ ވާދަކުރާނީ ބ.ފެހެންދޫއާއެވެ.