ޚަބަރު

ޕާކިސްތާން އަނބުގެ ރަހަ ބަލާލުމުގެ ފުރުޞަތު ދިވެހިންނަށް


ރާއްޖޭގައި ބާއްވާ ޕާކިސްތާނުގެ ފުރަތަމަ މެންގޯ ފެސްޓިވަލް ފަށައިފިއެވެ.
މިފެސްޓިވަލުގައި ޕާކިސްތާނުގައި ހައްދާ އަނބުތަކުގެ ރަހަބަލާލުމުގެ ފުރުޞަތާއި އެޤައުމުގެ އަނބުގެ އުފެއްދުންތައް ދިވެހިންނަށް ދައްކާލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ޕާކިސްތާން އެމްބަސީން ބުނެއެވެ.
ރަސްފަންނުގައި ކުރިއަށްދާ ޕާކިސްތާން މެންގޯ ފެސްޓިވަލް ފައްޓަވައިދެއްވީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކެވެ.

ޕާކިސްތާން މެންގޯ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސީމް އަކްރަމް ވިދާޅުވީ މި ފެސްޓިވަލްގެ ސަބަބުން ރާއްޖެއާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުމަށް ގިނަ ހެޔޮ އަސަރުތަކެއް ކުރާނެކަމަށެވެ. އެގޮތުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ޕްރޮގްރާމުތަކެއް ހިންގާނެކަމުގެ ޔަޤީންކަން ވަސީމް އަކްރަމްދެއްވިއެވެ. މެންގޯ ފެސްޓިވަލްގެ ތެރެއިން ރާއްޖެއަށް އާންމުގޮތެއްގައި ނުގެންނަ ބާވަތްތަކުގެ އަނބުތަށް ރަހަބަލައިލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވަސީމްއަކްރަމް ވިދާޅުވިއެވެ.

ޕާކިސްތާން މެންގޯ ފެސްޓިވަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ސީއީއޯ މުޙައްމަދު ޙުސައިން ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނަކީ ޒަމާނުއްސުރުވެސް ގާތްގުޅުމެއް އޮންނަ ދެ ޤައުމުކަމަށާއި މިފަދަ ޙަރަކާތްތަކަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއްކަމަށެވެ. މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ އަނބުގެ އިތުރުން ޕާކިސްތަނުގެ އިތުރު އުފެއްދުންތައްވެސް ރާއްޖެއަށް އަންނާނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ޕާކިސްތާން މެންގޯ ފެސްޓިވަލްގެ ތެރެއިން އަނބުގެ ތަފާތު އުފެއްދުންތަށް ލިބެން ހުރިއިރު ، ފެސްޓިވަލަށް ޒިޔާރަތްކުރި މީހުންނަށް ޕާކިސްތާނުގައި ހައްދާ އެކި ބާވަތްތަކުގެ އަނބު ރަހަ ބަލާލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ޖޫންމަހުގެ 29 ހުން 30 ހަށް ކުރިއަށްގެންދާ މޯލްޑިވްސް މެންގޯ ފެސްޓިވަލަކީ ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރާ އަނބުގެ ބާވަތްތަކާއި އޭގެ އުފެއްދުންތަށް އެއް ފުރާޅެއްގެދަށުން ދިވެހިންނަށް ފޯރުކޮށްދިނުމައްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ އެމްބަސީއާއި، ޓްރޭޑް ޑިވެލޮޕްމެންޓް އޮތޯރިޓީ އޮފް ޕާކިސްތާނާއި ޕާކިސްތާނުގެ ދަނޑުވެރިކަމުގެ މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ފެސްޓިވަލްއެކެވެ.