ޚަބަރު

ޤަވާއިދާއި ޚިލާފަށް ރީ-ބްރޯޑްކާސްޓް ކުރި ދެކްލަބެއް ޖޫރިމަނާކޮށްފި


އއ. ތޮއްޑޫގައި ޤަވާއިދާއި ޚިލާފަށް ރީބްރޯޑްކާސްޓް ކުރަމުން ދިޔަ ދެ ކްލަބެއް ޖޫރިމަނާ ކޮށްފިއެވެ.

ޤަވާއިދާއި ޚިލާފަށް ރީ-ބްރޯޑްކާސްޓް ކުރުމާއި ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޖޫރިމަނާކޮށްފައި ވަނީ ތޮއްޑޫގައި ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ދިޔަ އެރަށު ބްރައިޓް ކްލަބާއި ސޯސަން ކްލަބެވެ.

މި މައްސަލަ ކުރިއަށް ދިޔަ ގޮތުގެ މައްޗަށް އަލިއަޅުވާލާ ބްރޯޑްކޮމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ތޮއްޑޫ ބްރައިޓް ކްލަބާއި ސޯސަން ކްލަބުން އެރަށަށް ކޭބަލް ޓީވީގެ ޚިދުމަތް ދެމުން ދިޔައީ ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ޚިލާފަށް ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްވެސްނެތި ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި ޚިލާފުވެގެން ބްރޯޑްކޮމް އިން ތޮއްޑޫ ބްރައިޓް ކްލަބް 112،000 (އެއްލައްކަ ބާރަ ހާސް) ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާއިރު، ސޯސަން ކްލަބް ޖޫރިމަނާކޮށްފައި ވަނީ 100،000 (އެއްލައްކަ) ރުފިޔާއިންނެވެ. އެގޮތުން ލައިސަންސް ނެތި 28 ޗެނަލެއް ރީ-ބްރޯޑްކާސްޓް ކޮށްފައިވާތީ ބްރައިޓް ކްލަބް 56،000 (ފަންސާސް ހަ ހާސް) ރުފިޔާ އަދި ޙައްޤު ލިބިފައި ނެތް 28 ޗެނަލެއް ރީ-ބްރޯޑްކާސްޓް ކޮށްފައިވާތީ 56،000 (ފަންސާސް ހަ ހާސް) ރުފިޔާއިން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ތޮއްޑޫ ސޯސަން ކްލަބް ޖޫރިމަނާކޮށްފައި ވަނީ ލައިސަންސް ނެތި 25 ޗެނަލެއް ބްރޯޑްކާސްޓް ކުރުމުން ޖޫރިމަނާކުރި 50،000 (ފަންސާސް ހާސް) ރުފިޔާ، އަދި ޙައްޤު ލިބިގެން ނުވާ 25 ޗެނަލެއް ރީ-ބްރޯޑްކާސްޓް ކުރުމުން ޖޫރިމަނާކުރި 50،000 (ފަންސާސް ހާސް) ރުފިޔާއެވެ.

މި މައްސަލައާއި ގުޅިގެން ޖޫރިމަނާކުރި ދެ ކްލަބުންވެސް 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ. އަދި އެ ކޮމިޝަނުން ބުނެފައި ވަނީ މި މައްސަލައާއި ގުޅިގެން ޖަވާބުދާރީވުމަށް ދިން ފުރުސަތުގައި ދެ ފަރާތުންވެސް ޖަވާބުދާރީވެފައި ނުވާކަމަށާއި އިތުރު ފުރުޞަތަަކަށްވެސް އެދިފައިނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މި ދެ ކްލަބް ވެސް ޖޫރިމަނާ ކޮށްފައިވަނީ ރީބްރޯޑްކާސްޓުކުރި ކޮންމެ ޗެނަލަކަށް 2،000 ރުފިޔާގެ މަގުންނެވެ.