ޚަބަރު

ރާއްޖެއަކީ، ހުރިހާ ދާއިރާއަކުން ބެލިކަމުގައިވީނަމަވެސް ސްރީލަންކާގެ ގާތް ބައިވެރިއެއް - ދިވެހި ސަފީރު


ދިވެހި ރާއްޖެއަކީ، ހުރިހާ ދާއިރާއަކުން ބެލިކަމުގައިވީނަމަވެސް ސްރީލަންކާގެ ގާތް ބައިވެރިއެއްކަމަށް ދިވެހި ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ސްރީލަންކާގެ ނެޝަނަލް ޗެމްބަރ އޮފް ކޮމާރސްގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ހުރިހާ ދާއިރާއަކުން ބެލިކަމުގައިވީނަމަވެސް ސްރީލަންކާގެ ވަރަށް ގާތް ބައިވެރިއެއް ކަމަށެވެ. މިގޮތުން ދެ ޤައުމުގެ ޒަމާންވީ ގުޅުމުގައި އެކި ދާއިރާތަކުން މިއަދު ގުޅުންތައް ބަދަހިވެފައިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

ދިވެހި ރާއްޖެއާއި ސްރީލަންކާގެ ވިޔަފާރީގެ ގުޅުމާބެހޭ މަޢުލޫމާތު ސްރީލަންކާ ވިޔަފާރިވެރިންނާއި ހިއްސާ ކުރައްވަމުން، ސަފީރު ވިދާޅުވީ، ރައީސް ޔާމީނުގެ އިގްތިޞާދީ ފުރިހަމަ ސިޔާސަތުގެ ދަށުން ވިޔަފާރީގެ އެކި އެކި ފުރުޞަތުތައް މިހާރު ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ތަނަވަސްވެފައިވާކަމަށާއި، އެފުރުޞަތުތަކުގެ ބޭނުން ސްރީލަންކާގެ ބޮޑެތި ކުންފުނި ތަކުން ހިފަމުން އަންނަކަމަށެވެ.

ސްރީލަންކާގެ ކުންފުނިތަކުން ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުރުން، މިހާރު ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކޮންސްޓްރަކްޝަން ދާއިރާގައިވެސް ސްރީލަންކާގެ ކުންފުނިތައް ޙަރަކާތްތެރިވަމުން އަންނަކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

އަދި ސްރީލަންކާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެއްކަމަށާއި، އޭގެ މަންފާ ސްރީލަންކާގެ ވިޔަފާރިވެރިންނަށާއި އިގްތިޞާދަށްވެސް ކުރަމުން އަންނަކަންވެސް ސަފީރުވަނީ ފާހަގަކުރައްވާފައެވެ.