ޚަބަރު

އުރީދޫ އެމްފައިސާ މެދުވެރިކޮށް އެމްއެންޔޫގެ ދަރިވަރުންނަށް ޓިއުޝަންފީ ދެއްކުމުގެ ފުރުޞަތު


އުރީދޫ އެމްފައިސާ މެދުވެރިކޮށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ދަރިވަރުންނަށް ޓިއުޝަންފީ ދެއްކުމުގެ ފުރުޞަތު ފަހިކޮށްދޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އުރީދޫގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޚާނެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ މުއާވިޔަތު މުޙައްމަދެވެ.

އުރީދޫ އެމްފައިސާ ޚިދުމަތަކީ މޮބައިލް ފޯނު މެދުވެރިކޮށް ވިޔަފާރީގެ އެކި މުޢާމަލާތްތަކަށް ފައިސާ ދެއްކޭ ނިޒާމެކެވެ. އުރީދޫއާއި އެމްއެންޔޫއާ ދެމެދު މިވެވުނު އެއްބަސްވުމުގެ ދަށުން އެމްއެންޔޫގެ ދަރިވަރުންނަށް ކިޔުގައި މަޑުކުރަން ނުޖެހި ފީދައްކާލެވޭނެއެވެ.

އެމްފައިސާ މެދުވެރިކޮށް ބިލުތަކާއި އެކި ޕޭމަންޓްތައް ދެއްކުމުގެ ޚިދުމަތް ދިނުމަށް ރާއްޖެގެ ބައެއް ބޮޑެތި ކުންފުނިތަކާއެކުވެސް އުރީދޫއިން ވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި މީޑިއާނެޓް، ސްޓެލްކޯ، ސުޕަރނެޓް އަދި މޯލްޑިވް ގޭސް ހިމެނެއެވެ.

މި ޚިދުމަތް މެދުވެރިކޮށް، ރަށްރަށުގައި ދިރިއުޅޭ ގާތް މީހުންނަށް ވެސް ފައިސާ ފޮނުވޭނެއެވެ. އަދި އަތުގައި ފައިސާ ގެންގުޅެން ނުޖެހި އޮންލައިން ވިޔަފާރިތަކާއި ޑެލިވަރީ ޚިދުމަތުގެ އިތުރުން، ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނަށް ފައިސާ ދެއްކޭނެއެވެ. އެމް-ފައިސާ ތަޢާރަފް ކުރުމާ އެކު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ފަސޭހަ، ރައްކާތެރި އަދި އަގުހެޔޮ ޚިދުމަތެއް ކަސްޓަމަރުންނަށް ލިބިގެން ގޮސްފައިވާކަމަށް އުރީދޫއިން ބުނެއެވެ.