ޚަބަރު

ވިލާތުގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިމިގްރޭޝަންގެ މައްސަލަ


ބެލްޖިއަމްގެ ބްރަސަލްސްގައި ބޭއްވި މަޝްވަރާތަކުގައި، ވިލާތުގެ ޤައުމުތަކަށް މިހާރު ކުރިމަތިވެފައިވާ އިމިގްރޭޝަންގެ މައްސަލައާ ގުޅުންހުރި އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ. ރޮއިޓަރސްއިން ބުނެފައިވަނީ މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ މިކަމާ ގުޅިގެން ބޭއްވި މަޝްވަރާތައް ދިހަގަޑިއިރަށް ދިގުލައިގެން ދިޔަ ފަހުންކަމަށެވެ.

ވިލާތުގެ އިއްތިހާދުގެ އިސްވެރިޔާ ޑޮނަލްޑް ޓަސްކްވެސް ވަނީ، ވިލާތުގެ އިސްވެރިންގެ ބައްދަލުކުރެއްވުމަށް ފަހު، މި ފަދަ އެއްބަސްވުމެއް އެކުލަވާލާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ މި އެއްބަސްވުމަކީ ހަމަ އެކަނި އިމިގްރޭޝަނާ ބެހޭ އެއްބަސްވުމެއް ނޫންކަމަށާއި، މި އެއްބަސްވުމުގައި ވިޔަފާރި އާއި ސަލާމަތާ ގުޅުންހުރި ކަންކަންވެސް ހިމެނޭކަމަށެވެ.

އިޓަލީވިލާތުން ވަނީ މި އެއްބަސްވުން ބަލައިނުގަންނާނެކަމަށް ކުރިން ބުނެފައެވެ. އެހެންނަމަވެސް އެ ޤައުމުން މި އެއްބަސްވުން ބަލައިގަތީ އިސްލާހުތަކެއް ގެނައުމަށްކަމަށް ބެލެވެއެވެ.

އިޓަލީވިލާތަކީ ވިލާތަށް ހިޖުރަކުރާ ފަރާތްތަކަށް ހިމާޔަތްދިނުމާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކާ އެއްޤައުމެވެ. އެ ޤައުމަކީ އެފްރިކާ ބައްރާއި މެދު އިރުމަތިން ކަނޑުމަގުން ވިލާތަށް އަންނަ ގިނަ ރެފިއުޖީންނާއި ހިޖުރަވެރިން އެންމެ ފުރަތަމަ މަޑުކުރާ ޤައުމުވެސްމެއެވެ.