ޚަބަރު

ދިވެހިރާއްޖެ ހިމެނޭގޮތުން އދ ގައި ބާއްވާ ފުރަތަމަ ކައުންޓަރ ޓެރެރިޒަމް ކޮންފަރެންސް ފަށައިފި


އދ އިން ބާއްވާ ކައުންޓަރ ޓެރެރިޒަމް ނުވަތަ ނިރުބަވެރި ކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުވުންތައް އެމެރިކާގެ ނިއުޔޯރކުގައި ހުންނަ އ.ދ ގެ މައި އިދާރާގައި ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިކޮންފަރެންސްގައި ދިވެހި ރާއްޖޭގެ ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ދިވެހި ރާއްޖޭގެ ކައުންޓަރ ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަރ ޖެނެރެލް ޒަކަރިއްޔާ މަންސޫރެވެ. ރާއްޖޭގެ ކައުންޓަރ ޓެރެރިޒަމް ސެންޓަރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ އިސްނެންގެވުމަށް އުފައްދާފައިވާ ސެންޓަރެކެވެ.
"ޔުނައިޓެޑް ނޭޝަންސް ހައި ލެވެލް ކޮންފަރެންސް އޮފް ހެޑްސް އޮފް ކައުންޓަރ ޓެރެރިޒަމް އޭޖެންސީސް " ގެ ނަމުގައި ކުރިއަށް ގެންދާ މިކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒް އާއި، އެޖަމްޢިއްޔާގެ އިސްބޭފުޅުންގެ އިތުރުން މި ކޮންފަރެންސް ގައި ބައިވެރިވާ މެމްބަރު ޤައުމުތަކުގެ މަންދޫބުން ވަނީ ބައިވެރިވެފައެވެ.
މި ކޮންފަރެންސް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒް ވަނީ ދުނިޔޭގައި މިއަދު ޓެރެރިޒަމް އާއި ދެކޮޅަށް ހުރިހާ ޤައުމުތަކުން އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗައް އަލިއަޅުވާ ލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ޓެރެރިޒަމަކީ މިއަދު މުޅި އިންސާނިއްޔަތައް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށާއި، ޓެރެރިޒަމްގެ ޢަމަލުތަކުގެ ސަބަބުން ބައިނަލް އަޤްވާމީ ސުލްހަ މަސަލަސްކަމަށާއި އިންސާނީ ޙައްޤުތަކުގެ ރައްކާތެރިކަމަށް ގޮންޖެހުންތަކަކާއި ކުރިމަތި ވެފައިވާކަން ފާހަގަ ކުރައްވާފައިވޭއެވެ.
މި ކޮންފަރެންސްގެ ފުރަތަމަ ބައްދަލުވުމުގައި ކައުންޓަރ ޓެރެރިޒަމްގެ މައުޟޫޢު ތަކާއިމެދު 2 ސެޝަން އެއް ކުރިއަށް ގެންގޮސްފައިވާއިރު، މިކޮންފަރެންސް ގައި ބައިވެރިވި ކޮންމެ ވަފްދެއްގެ އެންމެ އިސް މެންބަރަކަށް މިއިން ކޮންމެ މަޢުޟޫޢު އަކަށް ވާހަކަ ދެއްކުމަށް ވަނީ 4 މިނެޓުގެ ފުރުޞަތެއް ދީފައެވެ. މި ކޮންފަރެންސްގެ 3 ވަނަ އަދި 4 ވަނަ ސެޝަން ކުރިއަށް ދާނީ 29 ޖޫން ވާ ހުކުރު ދުވަހުއެވެ.
ޓެރެރިޒަމް އާއި ދެކޮޅައް މަސައްކަތްކުރުމަށް ބާއްވާ މަތީފަންތީގެ މިބައްދަލުވުމަކީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒް ގެ އިސްނެންގެވުމާއި އެކު، އެ ޖަމްޢިއްޔާ ގެ ޢާންމު ޖަލްސާގައި ބައިވެރިވި 152 ޤައުމެއްގެ މެންބަރުން އެދިވަޑައިގަތުމަށް މިއަހަރަށް ތާވަލް ކުރި ކޮންފަރެންސެކެވެ.