ޚަބަރު

މާރސް ކޮރޯނާ ވައިރަސްއަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި





 


މިދުވަސްވަރު މެދުއިރުމަތީގައި "މާރސް ކޮރޯނާ ވައިރަސް"ފެތުރެމުންދާތީ، މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކުން، ޚާއްސަކޮށް ޢުމުރާއަށް ވަޑައިގަންނަވާ ފަރާތްތަކުން، މިކަމަށް ސަމާލުވެ، ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިލްތިމާސްކޮށްފިއެވެ.


 
އާންމުންގެ ސަމާލުކަމަށް މިކަން ގެނެއުމުގެ ގޮތުން އެޗް.ޕީ.އޭއިން ވަނީ ހެލްތު އެލާރޓެއްވެސް ނެރެފައެވެ.


 
"މާސް ކޮރޯނާ ވައިރަސް" ފެތުރޭ މިންވަރު މިވަގުތަށް ދަށް ނަމަވެސް، މި ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ދަށްކޮއްލައެވެ. މިހާތަނަށް މި ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައިމީހުން މަރުވެފައިވާކަމަށް ސިއްޙީ ރިޕޯޓްތަކުން ދައްކައެވެ. އެހެންކަމުން ރާއްޖޭގައި މި ބަލީގެ އަސަރު ފެންނަން ނެތުމާއިއެކު މެދުއިރުމައްޗަށް ދަތުރުކުރާ މީހުން މިބަލިން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ވިދާޅުވެއެވެ.


 
ކޮރޯނާ ވައިރަސްޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި، ހުންއައިސް ކެއްސުމާއި އެކު ރޯގާޖެހުންމާއި، ކުއްލިއަކަށް ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުދަނގޫވުމާއި، ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ބޭރަށް ހިންގުން ޖެހުން ހިމެނެއެވެ.


 
މި ވައިރަސް ފެތުރެނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހަކާއި އެއްގޭބިސީއެއްގެ ތެރޭގައި ދިރިއުޅޭ މީހުންނަށާއި، މިފަދަ މީހަކާއިއެކު މަސައްކަތުގެ މާހައުލުގައި އުޅޭ މީހުންނާއި، ބަލިޖެހިފައިތިބޭ މީހުންނަށް ސިއްޚީ ޚިދުމަތް ފޯރުކޮށްދިނުމުގައި އުޅޭ މީހުންގެ މެދުގައެވެ.


 
މިދުވަސްވަރަކީ ރަމަޟާން މަހުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަހު އުމްރާވެރިން ރާއްޖެއަށް އެނބުރި އަންނަ ދުވަސްވަރު ކަމުން، އުމްރާގެ އަޅުކަންނިމި، އެނބުރި ރާއްޖެ އަންނަތާ 14 ދުވަސް ތެރޭގައި ހުމާއި އެކު ކެއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ޑޮކްޓަރަށް ދެއްކުމަށް އެޗް.ޕީއޭ.އިންއިލްތިމާސްކުރެއެވެ.


 
މާސް ކޮރޯނާ ވައިރަސް ޖެހުން އެންމެ ގާތީ، އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި، ދިގުމުއްދަތަކަށް ބޭސްކާން ޖެހޭ ފަދަ ބަލިތައް ހުންނަށް މީހުންގެ އިތުރުން، ދިފާޢީ ނިޒާމް ބަލިކަށި މީހުންނަށާއި، މާބަނޑު އަންހެނުންނާއި ބާރަ އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.


 
 


މިބަލިން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި، ކެއްސާ ކިނބިހި އަޅާއިރު، އަނގައާއި ނޭފަތް ރަގަނޅަށް ނިވާކުރުން ހިމެނެއެވެ.  އަދި ޚާއްސަކޮށް ކެއްސާ ކިނބިހި އަޅެމަށްފަހު ސައިބޯނި ނުވަތަ އަތްދޮންނަ ޑިޓާރޖަންޓެއް ލައިގެން ރަނގަޅަށް އަތްދޮވުން މުހިއްމެވެ.