ކުޅިވަރު

ލީގު ޗެމްޕިއަނުން އަތޮޅު ޗެމްޕިއަން ކޮޅަށް 10 ލަނޑު!


ލީގު ޗެމްޕިއަން ނިއުރޭޑިއަންޓުން، އަތޮޅު ޗެމްޕިއަން ތިމަރަފުށި ކޮޅަށް ޖެހި 10 ލަނޑާއެކު ދިވެހި ޕްރިމިއަރ ލީގުގެ ފެންވަރާ މެދު ސުވާލު އުފައްދަމުން ލީގު ފަށައިފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ގަދަ 6 ޓީމާއި، މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ 4 ޓީމް ވާދަކުރާ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ވާދަކުރީ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި، އަތޮޅު ތަކުގެ ޗެމްޕިއަން ތިމަރަފުށްޓެވެ. މިމެޗު ނިއުރޭޑިއަންޓް 10-0 ން ކާމިޔާބުކުރުމާއެކު، މިނަތީޖާ ވެގެން ދިޔައީ މިސީޒަންގައި ފުރަތަމަ ޑިވިޝަންގައި ނިކުއިން އެންމެ ތަފާތު ބޮޑު ނަތީޖާއަށެވެ. އަދި މިއީ ލީގުގައި ވާދަކުރާ އަތޮޅުތަކުން އައި ގަދަ 4 ޓީމްގެ ފެންވަރާ މެދު ސުވާލު އުފެދޭނެ ނަތީޖާއެކެވެ.

ކޯޗެއް އަދި އެސިސްޓެންޓް ކޯޗެއްވެސް ނެތި މެޗަށް ނިކުއިން ތިމަރަފުށި ކޮޅަށް ނިއުގެ ފުރަތަމަ ލަނޑު ޖެހީ ރިލްވާން ވަހީދެވެ. ނިއުއިން ޖެހި ދިހަ ލަނޑުގެ ތެރޭގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުޙައްމަދު (ހަމްޕު) ހެދި ހެޓްރިކް ހިމެނެއެވެ. މިއިން ކޮންމެ ކުޅުންތެރިއަކު މެޗުގައި ތިން ލަނޑު ޖެހިއެވެ. ސެންޓޭ ހެޓްރިކް ފުރިހަމަ ކުރީ އޭނާއަށް ތިމަރަފުށި ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަށް ލިބުނު ޕެނަލްޓީންނެވެ.

ނިއުރޭޑިއަންޓްގެ އެހެން ލަނޑުތައް ކާމިޔާބުކޮށްދިނީ އަކްރަމް އަބުދުލްޣަނީއާއި، ދެވަނަ ހާފްގައި ކުޅެން ނިކުއިން އިބްރާހީމް އަތީޤްއާއި، ހަސަން އަދުހަމްއެވެ. މެޗުގައި އިތުރު ލަނޑުތައް ޖަހާނެ ފުރުޞަތުތައްވެސް ނިއުއަށް ލިބުނެވެ. އޭގެ ތެރޭގައި ޓްރާންސްފަރގައި ނިއުގައި ގުޅުނު ބިދޭސީ ފޯވާޑް ކިޕްސޮންއަށް ލިބުނު ފުރުޞަތުތައްވެސް ހިމެނެއެވެ. އޭނާއަށް ލަނޑެެއް ނުޖެހުނު ނަމަވެސް ޖުމްލަ ގޮތެއްގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނެވެ. އަދި އެހެން ކުޅުންތެރިން ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނެވެ. ދެވަނަ ހާފްގައި އޭނާ ވަނީ ބަދަލުވެސްކޮށްފައެވެ.

މުޅި މެޗުގައިވެސް ތިމަރަފުށިން ނިއުގެ ގޯލަށް ފޮނުވާލެވުނީ ރަނގަޅު އެންމެ ބޯޅައެކެވެ. ފުރަތަމަ ހާފްގައި ޝަމާހު ޝަރީފް ފޮނުވާލި ބޯޅަ ދިފާއުކުރި ކީޕަރު އިމްރާން މުޙައްމަދެވެ.
ލީގުގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ އީގަލްްސްއާއި މާޒިޔާއެވެ. މާދަމާރޭ ވާދަކުރާނީ ޓީސީއާއި ނިލަންދޫއެވެ.