ޚަބަރު

ޓްރަމްޕާއި ޕުޓިންގެ ސަމިޓު ޖުލައި މަހު ފިންލެންޑްގައި


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިންގެ ސަމިޓް އޮންނާނީ މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހު ފިންލެންޑްގެ ވެރިރަށް ހެލްސިންކީގައިކަމަށް ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިނުން އިޢުލާންކޮށްފިއެވެ.

ކްރެމްލިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސަމިޓުގެ އެޖެންޑާއާ ބެހޭގޮތުން ދެ ޤައުމުގެ އިސް މަސްއޫލުވެރިން ވާހަކަދައްކަމުން ގެންދަވާކަމަށެވެ.

ޓްރަމްޕާއި ޕުޓިންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް ނިންމީ، އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ރަޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވްލަޑިމީރް ޕުޓިންއާ ބައްދަލުކުރައްވައި ބުދަ ދުވަހު ކުރެއްވި މަޝްވަރާތަކުގައެވެ.

ސަމިޓް ބާއްވާނެކަން އިޢުލާންކުރެއްވީ ކްރެމްލިންގެ ޚާރިޖީ ކަންކަމާބެހޭ މުސްތަޝާރު ޔޫރީ އޮކަޝޯފެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވަލްޑިމީރް ޕުޓިންއާ ސަމިޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް މޭ މަހު ވިދާޅުވެފައެވެ.