ޚަބަރު

އާސަންދަ ޕޯޓަލްގައި މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ ޑޮކްޓަރެއް





 


އަމިއްލަ ކްލިނިކްތަކުން ދޫކުރާ ބޭސް ސިޓީ އާސަންދައަށް ބަދަލުކޮށްދިނުން އައިޖީއެމްއެޗުން ހުއްޓާލާ  ވަގުތު ކުޑަތަންވެފައިވާއިރު، އާސަންދައިގެ ދަށުން ބޭސް ސިޓީ ލިޔެދިނުމުގެ ހުއްދަ ހޯއްދަވަން ޑޮކްޓަރުން އެދިވަޑައި ނުގަންވާ ކަމަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.


 
އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ދޫކުރަމުން އައި ބޭސް ސިޓީ އާސަންދައަށް ބަދަލުކޮށްދިނުން އަންނަ އޮގަސްޓްމަހުގެ އެއްވަނަ ދުވަހުން ފެށިގެން


އައިޖީއެމްއެޗުން ހުއްޓާލާނެކަމަށް އެހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އައިޖީއެމް އެޗުން މިޚިދުމަތް ހުއްޓާލި ނަމަވެސް އާސަންދަ ޕޯޓަލްގައި ބައިވެރިވާ ޑޮކްޓަރުން،  ކްލިނިކް ތަކުން ދޫކުރައްވާ ބޭސް ސިޓީއާ، ޓެސްޓްތަކާއި އެހެނިހެން ޚިދުމަތްތައްވެސް އާސަންދައިން ކަވަރ ކުރާގޮތަށް އާސަންދަ ޕްރައިވެޓް ލިމިޓެޑުން ވަނީ  ނިންމާފައެވެ.


 
މި ޕޯޓަލްގައި ބައިވެރިވެފައިވީ ނަމަވެސް  ޑޮކްޓަރަށް ދައްކާފީ އާސަންދައިގެ ދަށުން ކަވަރަ ނުކުރާނެ ކަމަށް، އެކުންފުނިން ބުނޭ. އާސަންދައިގެ ޕޯޓަލްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްދޭ ހުރިހާ ތަންތަނުގެ ޑޮކްޓަރުން ބައިވެރިކުރުމަށް ފުރުސަތު ހުޅުވާލާފައި ވީނަމަވެސް މިހާތަނަށް ބައިވެރިވެފައިވަނީ އެންމެ ޑޮކްޓަރެއްކަން އާސަންދަ ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކުރެއެވެ.


 
ޑޮކްޓްރީކަމުގެ ލައިސަންސް އޮންނަ ހުރިހާ ޑޮކްޓަރުންނަށްވެސް ބައިވެރިވެވޭގޮތަށް އޮންނަ 


އާސަންދަ ޕޯޓަލް ނިޒާމަކީ އާސަންދައިގެ ޚިދުމަތް ނުދޭ މަރުކަޒެއް ނަމަވެސް އެތަންތަނުގައި ތިއްބަވާ ޑޮކްޓަރުން ލިޔެދެއްވާ ބޭސް ސިޓީއަށް ބޭހާއި އެހެނިހެން ޓެސްޓްތައް ހެދުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ތައްޔާރުކުރެވިފައިވާ ނިޒާމެކެވެ.


 
އެމް.ބީ.ސީ ނިއުސްއަށް މައުލޫމާތުދެއްވަމުން އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ މެޑިކަލް ޑައިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވީ، ލައިސަންސް އޮންނަ ހުރިހާ ޑޮކްޓަރުންނަށް މިދިޔަ ޖޫން މަހުގައި ހުޅުވާލި އެ ފުރުސަތުގައި އެ ޕޯޓަލަށް އެހާ ބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށެވެ.


 
 


އައި.ޖީ.އެމް ހޮސްޕިޓަލުން އާސަންދަ ޚިދުމަތް ނުދޭ ތަންތަނުގެ ބޭސް ސިޓީ ބަދަލުކުރަން ހުއްޓާލި ނަމަވެސް  ޑޮކްޓަރުންގެ ޕޯޓަލްގެ ދަށުން ޚިދުމަތްދޭން ފެށުމުން ޕޯޓަލްގައި ބައިވެރިވެފައިވާ ކޮންމެ ޑޮކްޓަރެއް ދޭ ބޭސް ސިޓީއަށް، އާސަންދަ ކަވަރކުރާ ބޭސްފިހާރަތަކުން ބޭސް ދޫކުރާނެކަމަށް އަސަންދައިން މައުލޫމާތުދެއެވެ.