ޚަބަރު

"މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ 2018" ފަށައިފި


މެލޭޝިއާގައި ކުރިއަށްގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތު ދިނުމަށް ބާއްވާ "މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ 2018" ފަށައިފިއެވެ. މި އެކްސްޕޯއަކީ ހަަޔަރ އެޑިއުކޭޝަން އާއި އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސަސް އީ.އެމް.ޖީ.އެސް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯގައި މެލޭޝިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ 500 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އެކްސްޕޯ މިރޭ ދިހައަކާއި ހަމައަށް އަދި މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު ދިހައަކަށް ކުރިއަށްދާނެއެވެ.

އަރޓް ގެލަރީގައި ކުރިއަށްދާ މި އެކްސްޕޯ ފައްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ނަޒީރުއެވެ. އެކްސްޕޯ ހުޅުވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޑރ.އަބްދުﷲ ނަޒީރް ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމަށް ކިޔަވަންދާ މީހުންގެ ނިސްބަތަކީ 33 އިންސައްތަކަމަށެވެ. އެހެންނަމަވެސް ހަޔަރ އެޑިއުކޭޝަންގެ މާސްޓަރ ޕްލޭންގެ ދަށުން 2022 އަށް މި ޢަދަދު 60 އިންސައްތައަށް އިތުރުކުރުމަށް ޢަމާޒު ހިފާފައިވާކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. ސްކޮލަރޝިޕްތަކުގެ ގިނަ ފުރުސަތުތަކެއް މިހާރުވެސް ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވީ އަންނަ އޮގަސްޓްމަ ހުގެ ތެރޭގައިވެސް އިތުރު ސްކޮލަރޝިޕްތަކަކަށް ފުރުސަތު ހުޅުވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އީ.އެމް.ޖީ.އެސްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޒަކީ ޒަކަރިއްޔާ ވިދާޅުވީ މީގެ ހަމަސްކުރިން މެލޭޝިއާގައި ކިޔަވަމުންދިޔަ ދިވެހި ދަރިވަރުންގެ އަދަދު 1000 ދަށުގައި ހުރިނަމަވެސް މި ހަމަސްތެރޭ އެ އަދަދު 1600 ވުރެ އިތުރުވެފައިވާކަމަށެވެ. އަދި މެލޭޝިއާ ސަރުކާރުން ދޭ 500 ސްކޮލަރޝިޕުގެ ތެރެއިން މިހާތަނަށް 159 ސްކޮލަރޝިޕް ދޫކޮށްފައިވާއިރު ބާކީ ހުރި ސްކޮލަރތަކަށް މި އެކްސްޕޯ ގެތެރެއިން ކުރިމަތިލުމުގެ ފުރުސަތު ހުޅުވިފައިވާކަމަށްވެސް ޒަކީ ޒަކަރިއްޔާ ވިދާޅުވިއެވެ.

އެކްސްޕޯގައި މެލޭޝިއާގެ މަތީފަންތީގެ 15 ޔުނިވަރސިޓީއަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ފެއަރގެ ތެރެއިން މި ޔުނިވަރސިޓީތަކުން ލިބެންހުރި ކޯސްތަކާއިބެހޭ މަޢުލޫމާތާއި، ކޯސްތަކަށް ފޯމު ފުރުމާއި، ޕްލޭސްމަންޓް ހަމަޖެއްސުމާއި، މެލޭޝިއާގެ ސްޓްޑަންޑް ވިސާއާއި ގުޅޭ މަޢުލޫމާތުވެސް ލިބޭނެއެވެ.

މި ފެއަރ ކުރިއަށްދާނީ ހަވީރު ހަތަރަކުން ރޭގަނޑު ދިހައަކަށް އަރޓްގެލަރީގައެވެ. މި ފެއަރގެ ދެވަނަ ބުރެއް ސ.ހިތަދޫ ނޫރާނީ ސްކޫލްގައި އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ނޫރާނީ ސްކޫލްގައި މި ފެއަރ އޮންނާނީ ހަވީރު ހަތަރަކުން ރޭގަނޑު ނުވައެއްޖެހުމާއި ހަމައަށެވެ.