ޚަބަރު

ރިޔާސީ އިންތިޚާބުގައި އަތޮޅުތެރޭގައި ސެކިއުރިޓީ ބަލަހައްޓާ ފުލުހުން ޖުލައިމަހުގެ ފަހުކޮޅު ފޮނުވަން ފަށާނަން - ޕޮލިސް


މާލޭގެ މަގުތަކުގައި ސިޔާސީ ޕާޓީތަކުގެ ޙަރަކާތްތައް ބޭއްވުމުގެ ހުއްދަ އެއްވެސް ގެއަކަށް އަދި އެއްވެސް މީހަކަށް ނުދެވޭނެ ކަމަށާއި، ރިޔާސީ އިންތިޚާބު އަމާން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އަންނަ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ޓީމުތައް ފޮނުވަން ފަށާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

އަންނަ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރެއްވުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޕޯކްސްޕާރސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަމާން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ އަންނަ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ޓީމުތައް ފޮނުވަން ފަށާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންނަކީ ގާނޫނު ދަމަހައްޓާ ނަގަހަށްޓަން ތިބޭ ބައެއް ކަމަށާއި، ފުލުހުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ޤާނޫނީ އިމުން ބޭރުން ކޮންމެ ބަޔަކު ކަމެއް ކުރި ނަމަވެސް އެކަމެއް ހުއްޓުވާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ބާއްވާ މަގުމައްޗަށްވާ ގޮތަށް ހުންނަ ފާރުތަކުގައި ސިޔާސީ ޕާޓީތައް ތަމްސީލުވާ ފަދަ ފޮޓޯތަކާއި ޕޯސްޓަރުތައް ހަރުކޮށް ޕާޓީތައް ޕްރޮމޯޓް ކުރުމުގެ ހުއްދަ އެއްވެސް ގެއަކަށް އަދި އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވަކި ޕާޓީއަކުން ކުރިއަށް ގެންދާ ޙަރަކާތްތައް ފުލުހުން ނުހުއްޓުވާނެ ކަމަށާއި، ސިޔާސީ ވަކި ޕާޓީއަކުން ހިއްޕާ ޕޯސްޓަރުވެސް ފުލުހުން ނުނަގާނެ ކަމަށެވެ. އެކަމަކު ޤާނޫނީ އިމުން ބޭރުން ކުރާ ކޮންމެ ކަމެއް ފުލުހުން ހުއްޓުވާނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުޞަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ކަމާއެކު ފުލުހުން ދެމުންދާނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި ޤާނޫނީ އިމުގެ ތެރެއިން ކުރާ އެއްވެސް ކަމެއް ފުލުހުން ހުއްޓުވާފައި ނުވާނެ ކަމަށެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފަހަކަށް އައިސް 2008 ކުން ފެށިގެން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ފުލުހުން އަދާކޮށްފައިވާ ދައުރުގެ ފުރިހަމަކަމާއި ކޮށްފައިވާ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގެންފައިވާ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކާ ހުރިހާ ފަރާތްތަކުންވެސް ގާނޫނީ އިމުގެ ތެރެއިން އަމަލްތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގައެވެ.