ކުޅިވަރު

ރާއްޖޭގެ ފުރަތަމަ ފޯކޭ ޗެނަލް ޕީއެސްއެމުން ތަޢާރަފްކޮށްފި


ރާއްޖޭގެ ތާރީޙުގައި ފުރަތަމަ ފަހަރަށް ފޯކޭ ކޮލިޓީގެ ޗެނަލެއް ޕީއެސްއެމުން ލޯންޗްކޮށްފިއެވެ. "ޓީވީއެމް ފޯކޭ" ޗެނަލް ރަސްމީކޮށް މިއަދު ލޯންޗްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާޚިމް ޚަލީލެވެ.

ޓީވީއެމް ފޯކޭ ޗެނަލަކީ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެންމެ ކޮލިޓީކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމުން ލޯންޗްކުރި ޗެނަލެކެވެ. އަލްޓްރާ ހައިޑެފިނިޝަންކޮށް ނުވަތަ ފޯކޭ ކޮލިޓީގައި ވޯލްޑްކަޕްގެ ދިހަ މެޗެއް ފީފާއިން ބްރޯޑްކާސްޓްކުރާނެއެވެ. މި ދިހަ މެޗުވެސް ޓީވީއެމްގެ ބެލުންތެރިންނަށް ފޯކޭ ކޮލިޓީގައި ޕީއެސްއެމުން ގެނެސްދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ ޕީއެސްއެމުގެ މައި ޗެނަލް ޓީވީއެމްގެ ޚިދުމަތް ގިނަ ދުވަސްތަކެއްވަންދެން އެސްޑީ ކޮލިޓީގައި ގެނެސްދިނުމަށްފަހު އެޗްޑީ ކޮލިޓީއަށް ބަދަލްކުރީ މިދިޔަ އަހަރުކަމަށެވެ.

ޓީވީއެމްގެ ފޯކޭ ޗެނަލެއް ތައާރަފްކުރަން ޕީއެސްއެމްގެ މެނޭޖުމަންޓުން ނިންމި މައިގަނޑު ސަބަބަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެންމެ ކޮލިޓީކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭންވެގެންކަމަށެވެ. ވޯލްޑްކަޕްގެ ޖުމްލަ 10 މެޗެއް ފޯކޭ ކޮލިޓީގައި ބްރޯޑްކާސްޓްކުރާއިރު ހަމަ އެކޮލިޓީގައި ޓީވީއެމްގެ އައު ޗެނަލް މެދުވެރިކޮށް ފެންނާނެކަމަށް އެމްޑީ ޚަލީލް ވިދާޅުވިއެވެ.

"ފޯކޭ ޗެނަލެއް ގެނެސްދޭން މެނޭޖްމަންޓުން ނިންމި މައިގަނޑު ސަބަބަކީ ވީހާވެސް ކޮލިޓީކޮށް އަޅުގަނޑުމެންގެ ޚިދުމަތް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން. ފީފާއިން މި ނަގަނީ ޖުމްލަ 10 މެޗު ފޯކޭ ކޮލިޓީގައި. އަޅުގަނޑުމެން އެ ހުރިހާ މެޗެއް ޓީވީއެމް ފޯކޭ ޗެނަލުން ގެނެސްދޭނަން" އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވިދާޅުވީ ޕީއެސްއެމްގެ އަމާޒަކީ އާންމު ޚިދުމަތެއްގެ ގޮތުގައި ބްރޯޑްކާސްޓިންއާއި ސޯސަލް މީޑިއަމާއި އެހެންހެން މީޑިއަމްތަކުގެ ތެރެއިން އާންމުނަށް ވީހާވެސް ފުޅާދާއިރާއެއްގައި ޕީއެސްއެމްގެ ޚިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.