ސިޔާސީ

ޤާނޫނީ އިމުގެ ތެރެއިން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ހުރަހެއް ނެތް - އިލެކްޝަންސް ކޮމިޝަން


ސިޔާސީ ޕާޓީތަކުން ހިންގާ ތަފާތު ހަރަކާތްތަކަށް ހުރަސްއަޅާ، ސިޔާސީ ހަރަކާތްތައް ހިންގުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުޞަތު ނުދޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަދި ޤާނޫނާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވެސް ހަރަކާތެއް އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހުއްޓުވާފައިނުވާނެ ކަމަށާއި، އަދި އެކަންކަމަށް ނުފޫޒު ފޯރުވުމަށްވެސް އެކޮމިޝަނުން މަސައްކަތް ކޮށްފައިނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ސިޔާސީ ހަރަކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް މަރުޚަބާ ކިޔާކަމަށާއި، ނަމަވެސް އެފަދަ ހަރަކާތްތަކަކީ ޤާނޫނީ ތަރަޙައިގެ ތެރެއިން ކުރެވޭ ކަންކަމަށް ވާންޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ދާދިފަހުން ބޭއްވި އެޕާޓީގެ ރިޔާސީ ޕްރައިމަރީއަށް އިޝާރަތްކުރައްވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ ކަނޑައެޅިގެން ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ބޭއްވި ޕްރައިމަރީއެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކްޓިންގ ކަމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް ސިޔާސީ ޕާޓީތަކުން ބާއްވާ ކެމްޕެއިން ހަރަކާތްތަކަށް ހަމަހަމަކަމާއެކު ފުރުޞަތު އޮންނާނެކަމަށެވެ. އަދި މިފަހަރުގެ އިންތިޚާބާއި ގުޅިގެންވެސް އެއްވެސް ހަމަނުޖެހުމަކަށް ފުރުޞަތު މަގުފަހިވާނެ އެއްވެސް އަމަލެއް ހިންގުމަށް ފުލުހުން ޖާގަނުދެއްވާނެކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ފުލުހުންނާއި ހަވާލުކޮށްފައިވާއިރު، އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށްގެންދިއުމަށްޓަކާ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް ފުލުހުން ހަރަކާތްތެރިވާނެކަމަށް ފުލުހުން ބުނެއެވެ.