ކުޅިވަރު

ދިއްފުށި ފުޓްސަލް ދަނޑު ހުޅުވައި، ބޭނުން ކުރަން ފަށައިފި


ކ.ދިއްފުށި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި، ދަނޑު ބޭނުން ކުރަން ފަށައިފިއެވެ.

ދަނޑު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. ދަނޑު ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރ ވިދާޅުވީ އާބާދީ ކުޑަޔަސް، ބޮޑަސް އެރަށެއްގައި ދިރިއުޅޭ ޒުވާނުންނަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކޮށްދެއްވުމަކީ ރައީސް ޔާމީންގެ އަމާޒެއްކަމަށެވެ. ދިއްފުށި ފުޓްސަލް ދަނޑަކީ އެގޮތުގެ މަތީން ހުޅިވިގެންދިޔަ، ރޭގަނޑާއި ދުވާލުވެސް އަގެއް ދެއްކުމެއްނެތި ކުޅެވޭނެ ދަނޑެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ދިއްފުށި ފުޓްސަލް ދަނޑުގެ މަސައްކަތަށް 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރެއްވިކަމަށްވެސް ޔޫތް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ހޭދަތައް ސަރުކާރުން ޒުވާނުންނަށްޓަކައި ކުރަމުންދަނީ ޒުވާނުންނަކީ މުޖުތަމައުގައި ބޭނުންތެރި، ހުސްވަގުތުތައް ފައިދާހުރި ގޮތުގައި ބޭނުންކުރާ، ކުށުގެ ވެށިން ދުރުހެލިވެފައިވާ ބަޔަކަށް ހެދުމަށްކަމަށެވެ. ދުވާލާއި ރޭގަނޑު ކުޅިވަރު ކުޅެވޭގޮތަށް ހެދޭ މިފަދަ ދަނޑުތަކާއި ތަންތަނުގެ ސަބަބުން އެރަށެއްގެ ޒުވާނުންގެ އުޅުމަށް ވަރަށްބޮޑެތި ބަދަލުތަކެއް އަންނަމުންދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" މިހާތަނަށް އަޅުގަނޑުމެން މިފަދަ މަސައްކަތް ކޮށްފައިވާ ރަށްތަކުގެ ޕޮލިސް ރިކޯޑްތަކަށް ބަލައިލުމުން އެރަށެއްގެ ކުށްތަކާއި، ވެށްޓައް އައިސްފައިވާ ބޮޑު ބަދަލަކީ ނުހަނު އުފަލާއިއެކު މިފުރުސަތުގައި ފާހަގަކޮށްލަންޖެހޭ ކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.