ޚަބަރު

ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މުއްދަތު ކުޑަކުރަން ހުށަހަޅައިފި


ބޭންކުތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މުއްދަތު ކުޑަކުރަން ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ބޭންކިންގއާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުގައި ބުނެފައިވަނީ، ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެން ވާންވާނީ މަދުވެގެން 5 މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި ގިނަވެގެން 15 މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި ބޯޑު މެންބަރުންގެ ޢަދަދު ވާންވާނީ އޮނަހިރި ޢަދަދަކަށް ކަމަށްވެސް އިޞްލާޙުގައި ބުނެފައިވެއެވެ.

ޖަމީލް އުސްމާން ހުށަހެޅުއްވި އިޞްލާޙުގައި ބުނެފައިވަނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަންކުރާ މީހުން ޢައްޔަންކުރާނީ ބޭންކުގެ ޢާންމު ޖަލްސާގައި ކަމަށެވެ. އަދި މެންބަރުން ޢައްޔަން ކުރާނީ ގިނަވެގެން ތިން އަހަރު ދުވަހަށް ކަމަށްވެސް އިޞްލާޙުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން މެންބަރުންގެ ދައުރު ހަމަވުމުން އިތުރު ތިން އަހަރުގެ އެއް ދައުރަށް މެންބަރުން ޢައްޔަންކުރެވިދާނެ ކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.

ބޭންކިންގއާބެހޭ ޤާނޫނުގައި މިހާރު ބުނެފައިވަނީ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ޢައްޔަންކުރާނީ ގިނަވެގެން 4 އަހަރު ދުވަހަށް ކަމަށެވެ. އަދި ދައުރު ހަމަވުމުން އިތުރު ހަތަރު އަހަރުގެ އެއް ދައުރަށް މެންބަރުން ޢައްޔަންކުރެވިދާނެ ކަމަށްވެސް ޤާނޫނުގައި މިހާރު ބުނެފައިވެއެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުގައި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢުމުރަކީ ދަށްވެގެން 30 އަހަރެވެ. އަދި މަތިވެގެން 70 އަހަރެވެ. ނަމަވެސް މެންބަރެއްގެ ޢުމުރު 70 އަހަރަށްވުރެ މަތިވިނަމަވެސް އެ މެންބަރެއްގެ ޚިދުމަތް ދެމިހުންނަ ގޮތެއްގައި ހޯދުމަށްޓަކައި އެމްއެމްއޭއިން އެ މެންބަރަކަށް ބޯޑުގައި ދެމިހުރެވޭނެ އެންމެ މަތީ ޢުމުރު ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް މިފަދައިން ބުނެފައިވާ މާއްދާވެސް އިޞްލާޙު ކުރުމަށް ޖަމީލް އުސްމާން ވަނީ ހުށަހަޅާފައެވެ. އެގޮތުން މި މާއްދާއަށް ޖަމީލް އުސްމާން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ޢުމުރަކީ ދަށްވެގެން 25 އަހަރު ކަމަށެވެ. އަދި މަތިވެގެން 65 އަހަރު ކަމަށެވެ.