ކުޅިވަރު

އޭޝިޔާގެ ކޮރެއާ ނިކުމެ، ޗެމްޕިއަން ޖަރމަނީ ވަރލްޑްކަޕުން ކަޓުވާލައިފި


ދުނިޔޭގެ ޗެމްޕިއަން ޖަރުމަން ކަޓުވާލާ، މެކްސިކޯ އާއި ސްވިޑެން ގްރޫޕް އީ އިން ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ޖަރުމަން މުބާރާތުން ކެޓީ މިރޭ ކޮރެއާ ރިޕަބްލިކްއާ ވާދަކުރި މެޗުން ބަލިވުމުންނެވެ. މިމެޗު ކޮރެއާ ކާމިޔާބުކުރީ 2-0 ނެވެ.
މިނަތީޖާ އާއެކު ކޮރެއާ ވަނީ ޖަރުމަން ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕްގެ ތިން ވަނަ ހޯދާފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނަށް ވަރލްޑް ކަޕް ނިންމާލަން ޖެހުނީ ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.
ގްރޫޕްގެ އެއްވަނަ ހޯދީ ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯ 3-0 ން ބަލިކުރި ސްވިޑެންއެވެ. މިދެޓީމްގެ ތެރެއިން ސްވިޑެންއަށް ކުރި ލިބުނީ ގޯލްގެ ތަފާތުންނެވެ.

ފުރަތަމަ ދެމެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއެކު އޮތް މެކްސިކޯ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރު ކުރާނެ ކަމަށް ބެލެވުނުނަމަވެސް ސްވިޑެން އަތުން ބަލިވާން ދިޔައިރު މުބާރާތުން ކެޓުމުގެ ބިރުވެސް ހީވިއެވެ. އެހެންނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ޖަރމަނީ ކޮޅަށް ކޮރެއާ ލަނޑު ޖަހާ ކުރިހޯދުމާއެކު މެކްސިކޯއަށް ހަމަ ނޭވާލެވުނެވެ.

މިރޭގެ މެޗުގައި ޖަރުމަން ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެވެސް ތިން ވަނަ މިނެޓުގެ ތެރޭގައި ކިމްއެވެ. އަދި ދެވަނަ ލަނޑު ޓީމުގެ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާ ގޯލް ދޫކޮށް ކުރިއަށް އަރާފައިވަނިކޮށް ޖެހީ ސޮން ހިއުމިންގއެވެ. މި ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައެވެ.
އެންމެ ފަހުގެ ފަސް ވޯލްޑް ކަޕްގެ ތެރެއިން ހަތަރު ވޯލްޑް ކަޕްގައިވެސް އެންމެ ފަހުގެ ޗެމްޕިއަން ވަނީ ޖެހިގެން އައި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.