ދުނިޔެ

އިސްރާއީލުން ޣައްޒާގެ ކުޑަކުދިންގެ ޕާކަކަށް ބޮންއަޅައިފި





 


ބަރަކާތްތެރި ފިތުރު އީދާ ގުޅިގެން 24 ގަޑިއިރަށް ޙަމަލާތައް މެދުކަނޑާލުމަށް ހުށަހެޅި ހުށަހެޅުން ގަބޫލުކުރުމަށް އިސްރާއީލުން ދެކޮޅު ހެދުމަށްފަހު، އިއްޔެ ޣައްޒާގެ އައްޝާތީ ރެފިއުޖީ އަވަށުގައިވާ ކުޑަކުދިންގެ ޕާކަކަށް ބޮންއަޅައި ފަލަސްތީނުގެ 8 ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.


 
ޣައްޒާގެ ސިއްޙަތާބެހޭ ދާއިރާއިން ބުނީ އައްޝާތީ ރެފިއުޖީ އަވަށުގައިވާ ކުޑަކުދިންގެ ޕާކަކަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން އިއްޔެ ބޮންއަޅައި 10 މީހުން ޝަހީދުކޮށްލާފައިވާއިރު މީގެތެރޭގައި 8 ކުޑަކުދިން ހިމެނޭކަމަށެވެ.


 
އަނެއްކޮޅުން އިސްރާއީލުންވަނީ ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލަށްވެސް ޙަމަލާތަކެއްދީފައެވެ. މިޙަމަލާތަކުގައި އެހޮސްޕިޓަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުގެ އިތުރުން އެތަށްބަޔަކު ޒަޚަމްވެފައިވާ ކަމަށް ޚަބަރުލިބެއެވެ.


 
 


ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާ އުދުވާނުގައި ފަލަސްތީނުގެ އެއްހާސް އަށްޑިހައަށްވުރެ ގިނަމީހުން ޝަހީދުކޮށްލާފައިވާއިރު ފަސްހާހަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޒަޚަމްކޮށްލާފައިވެއެވެ. އަދި އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްތީނުގެ ބައެއް  އާއިލާތަކުގެހުރިހާ މެންބަރުން ޝަހީދުވެފައިވާ ކަމަށްވެސް ސިއްޙަތާބެހޭ ދާއިރާއިން ކަށަވަރުކޮށްދެއެވެ.