ކުޅިވަރު

ގްރޫޕް އެފް ގެ 4 ޓީމަށްވެސް ފުރުޞަތު އެބައޮތް!


ފީފާ ވަރލްޑް ކަޕްގެ ދެވަނަ ބުރުގައި ކުޅޭނެ ގިނަ ޓީމުތައް މިހާރު ޔަޤީން ވެފައިވާއިރު ގްރޫޕް އެފް އޮތީ ވަރަށް ވާދަވެރިކޮށެވެ. މި ގްރޫޕްގެ ފަހު މެޗުތައް މިރޭ ކުޅޭއިރު ގްރޫޕްގެ އެއްވެސް ޓީމަކަށް އަދި ދެވަނަ ބުރު ޔަޤީނެއް ނުކުރެވެއެވެ. މިއާއެކު ގްރޫޕްގެ ހުރިހާ ޓީމަކަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައެއްވެސް ނުވެއެވެ.

މި ގްރޫޕްގައި މިރޭ ޖަރުމަނާއި ކޮރެއާ ރިޕަބްލިކް ބައްދަލުކުރާ މެޗަކީ ދެޓީމަށްވެސް މަރުގެ މެޗެއްގެ ގޮތުގައި ސިފަކުރެވިދާނެއެވެ.
ކުޅުނު ދެ މެޗުން ބަލިވި ކޮރެއާ ރިޕަބްލިކް ޖަރުމަން ބަލިކޮށް، ސްވިޑުން އަތުން މެކްސިކޯ މޮޅުވެއްޖެނަމަ ކޮރެއާއަށްވެސް ދެވަނަ ބުރުން ޖާގަ ލިބިދާނެއެވެ. އޭރުން މެކްސިކޯއަށް ލިބޭނީ ނުވަ ޕޮއިންޓް އަދި ބާކީ އޮތް ތިން ޓީމުގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ލިބޭނީ ތިން ޕޮއިންޓެވެ. އެއަށްފަހު ދެން ބަލާނީ ގޯލުގެ ތަފާތުން ކުރި ހޯދާޓީމެކެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނަށްވެސް ކުރި މަތި ވެފައިވަނީ މިފަދަ ހާލަތެކެވެ. ޖަރމަނީ ކުޅޭ މެޗު ކާމިޔާބުކޮށް، މެކްސިކޯ ސްވިޑުން އަތުން ބަލިނުވެއްޖެނަމަ ޖަރމަނީއަށް ދެވަނަ ބުރު ޔަޤީންވާނެއެވެ. އެހެންނަމަވެސް ސްވިޑެން މެކްސިކޯ އަތުން ތިން ޕޮއިންޓް ހޯދައިފިނަމަ މެކްސިކޯ އާއި ސްވިޑެން އަދި ޖަރުމަންވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ދެވަނަ ބުރުގެ ޖާގަ ލިބޭނީ ގޯލްގެ ތަފާތުން ކުރިހޯދާ ދެ ޓީމަކަށެވެ.

ކޮރެއާ ރިޕަބްލިކާއި މިރޭ ބައްދަލުކުރާ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖަރުމަން ޓީމުގެ ކޯޗު ޔޯހިމް ލޯ ބުނީ ހާލަތު އިނގޭ ކަމަށާއި، ފުރަތަމަ ކަމަކީ މެޗުން މޮޅުވުންކަމަށެވެ. މަދުވެގެން ދެ ގޯލްގެ ތަފާތުން މޮޅުވާން ޖެހޭކަމަށް ލޯ ބުންޏެވެ. މުޙިއްމީ އަމިއްލަ ޓީމްގެ ކުޅުމާއި، ނަތީޖާ ރަނގަޅުކުރުންކަން ކޯޗު ފާހަގަކުރިއެވެ. ގްރޫޕް އެފްގެ ދެ މެޗުވެސް ފަށާނީ ރާއްޖެ ގަޑިން މިރޭ ހަތެއް ޖަހާއިރުއެވެ.