ކުޅިވަރު

އިނގިރޭސިންނާ ދެކޮޅަށް 10 ކުޅުންތެރިން ބަދަލު ކުރެވިދާނެ: ބެލްޖިއަމް ކޯޗު


ގްރޫޕުގެ ފަހު މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް މުޅި ޓީމު ބަދަލުކޮށްގެން ކުޅެން ވިސްނާ ކަމަށް ބެލްޖިއަމް ޓީމުން ބުނެފިއެވެ.

ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ފުރަތަމަ 11 ގެ 10 ކުޅުންތެރިން ބަދަލު ކުރަން އޭނާ ވިސްނާ ކަމަށާއި، ސަބަބަކީ ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވުމާއި ކާޑުގެ މައްސަލަ ކަމަށެވެ.
ދެ ޓީމަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު މިވަގުތު ގޯލުގެ ތަފާތުން ކުރީގައި ވަނީ އިނގިރޭސިންނެވެ. މިހެންވެ ބެލްޖިއަމަށް ގްރޫޕުގެ ކުރި ލިބޭނީ އިނގިރޭސިން ބަލިކޮށްގެންނެވެ.
ނަމަވެސް މާޓިނޭޒް ބުނީ އިނގިރޭސި މެޗަށްވުރެ މުބާރާތުގެ ދެ ވަނަ ބުރުގެ މެޗު މުހިންމު ކަމަށެވެ.

"ޓީމު އޮތީ ކޮލިފައިވެފައި. މިހެންވީމަ އަހަރެން ޖެހޭ މިއަށްވުރެ މުހިންމު މެޗަކަށް ވިސްނަން. ބައެއް ކުޅުންތެރިން ތިބީ އަނިޔާގައި. މިހެންވީމަ ބެންޗުގައި ތިބި ކުޅުންތެރިންނަށް ފުރުސަތުދީ އެމީހުން ދައްކާ ކުޅުން ބަލާލުން ވެސް މުހިންމު. މި ޓީމުގައި އެއްވެސް މީހަކަށް ފުރަތަމަ 11 ން ޖާގަ ޔަޤީނެއްނުވާނެ،" ކޯޗު ބުންޏެވެ.

ކެވިން ޑެބްރޫނޭ އާއި ޔޭން ވާޓޮންގެން އަދި ތޯމަސް މުނިއާއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ބިރު ކުރިމަތިވެފައެވެ. މީގެ އިތުރުން ކެޕްޓަން ވިންސެންޓް ކޮމްޕެނީއަށް އަނިޔާގެ ސަބަބުން ދެ މެޗުގައި ވެސް ނުކުޅެވިފައިވާއިރު ވައިސް ކެޕްޓަން އެޑެން ހަޒާޑާއި ދެމެޗުން ހަތަރު ގޯލު ޖެހި ފޯވްޑް ރޮމެލޫ ލުކާކޫ ވެސް މުޅިން ފިޓެއްނޫނެވެ.