ކުޅިވަރު

ފްރާންސާއެކު ގްރޫޕް ސީން ޑެންމާކް ދެވަނަ ބުރަށް


ފްރާންސް އަތުން ހޯދި ޕޮއިންޓާއެކު ފީފާ ވަރލްޑްކަޕްގެ ދެވަނަ ބުރުން ފްރާންސާއެކު ޑެންމާކް ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސީގެ ދެވަނަ ޓީމްގެ ގޮތުގައި ޑެންމާކަށް ދެވަނަ ބުރުން ޖާގަ ލިބުނީ 5 ޕޮއިންޓް ހަމަކޮށްގެންނެވެ. ގްރޫޕްގެ އެއްވަނަ ލިބުނީ 7 ޕޮއިންޓާއެކު ފްރާންސަށެވެ. މިދެޓީމް މިރޭ ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ހަ ބަދަލަކާއެކު ނިކުއިން ފްރާންސް އަތުން ޕޮއިންޓެއް ހޯދި މެޗުގައި ލަނޑު ޖަހަން ޑެންމާކުންވެސް ފުރުޞަތު ތަނަވަސްކުރިއެވެ. ފްރާންސް މެޗަށް ނިކުތީ ޕައުލް ޕޮގްބާއާއި، މަތުއިޑީއާއި، ޓޮލީސޯ ފަދަ އެއްކާޑްގައި ތިބި ކުޅުންތެރިން ނުލައެވެ. މީގެއިތުރުން ކެޕްޓަން އަދި ގޯލް ކީޕަރު ލޮރިސްއަށްވެސް ކޯޗު ވަނީ ރެސްޓް ދީފައެވެ. ފޯވާޑް އެމްބައްޕޭވެސް ކުޅެން ނިކުތީ ދެވަނަ ހާފްގައެވެ. ދެޓީމަށްވެސް ޕްރެޝަރެއް ނެތުމުން ކުޅެމުން ދިޔައީ ހަމަޖެހިގެންނެވެ.

މިއީ މުބާރާތުގައި ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ މެޗުވެސް މެއެވެ. މެޗުން ޕޮއިންޓެއް ހޯދުމުން ގްރޫޕްގެ އަނެއް މެޗުގެ ނަތީޖާއަށް ބެލުމެއް ނެތި ޑެންމާކަށް ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެއެވެ.