ޚަބަރު

އެޑިއުކޭޝަން އެކްސްޕޯ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފި


މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި، މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ އެޑިއުކޭޝަން އެކްސްޕޯ އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކުރިއަށްގެންދިއުމަށް ނިންމައިފި. އެމްއެމްއައި ބުނީ އެކްސްޕޯގެ މުއްދަތު އިތުރުކުރީ އެކްސްޕޯއަށް ޒުވާނުންގެ ފަރާތުން ލިބެމުންދާ ތަރުހީބަށް ބަލާ ގިނަ ބައެއްގެ އެދުމުގެ މަތިންކަމަށެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ޑިރެކްޓަރ މުޙައްމަދު ޖިނާޙް ވިދާޅުވީ ގިނަ ޒުވާނުން އެކްސްޕޯއަށް ޒިޔާރަތްކުރަމުން އަންނަކަމަށާއި ގިނަ އަދަދެއްގެ ކުދިން ކޯސްތަކަށް ކުރިމަތިލަމުންއަންކަމަށެވެ. އެގޮތުން އެކްސްޕޯ މިރޭ ނިންމާލަން ކުރިން ނިންމާފައިވީނަމަވެސް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެކްސްޕޯގެ މުއްދަތު އިތުރުކުރީ ސްކޫލްކުދިންނާއި ވީހާވެސް ގިނަ ޒުވާނުންނަށް ފުރުޞަތު ފަހުކޮށްދިނުމަށްކަމަށެވެ.

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓާއި މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވާސިޓީ ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯގެ ތެރެއިން އެމްއެމްއައި އިން ހިންގާ ކޯސްތަކާއި ލިމްކޮކްވިންގ ޔުނިވަރސިޓީއާއި ގުޅިގެން ހިންގާ އެކި ލެވެލްތަކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. އަދި ކޯސްތަކާއި ގުޅޭ މަޢުލޫމާތުވެސް ދަނީ މި އެކްސްޕޯގެ ތެރެއިން ދެމުންނެވެ. އޭގެ ތެރޭގައި، ރޭޑިއޯ-ޓީވީ ބްރޯޑްކާސްޓިންއާއި، ޕަރފޯމިންގ އަރޓްސްއާއި، ވީޑިއޯގްރަފީއާއި، އެނިމޭޝަން އަދި ސައުންޑް އެންޑް މިއުޒިކާއި ގުޅޭ ކޯސްތައް އެމްއެމްއައިގައި ހިންގުމަށް ހަމަޖެހިފައިވެއެވެ. އަދި މެލޭޝިއާގެ ލިންގކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެން ހެއަރޑްރެސިންގއާއި، ޑްރެސް މޭކިންގގެ ޓިވެޓް ކޯސްތަކެއްވެސް އެމްއެމްއައިގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

އެޑިއުކޭޝަން އެކްސްޕޯ އަންނަ ހޮނިހިރު ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، ކޮންމެ ދުވަހެއްގެ ރޭގަނޑު އަށަކުން ދިހަގަޑި ތިރީހަށް އެކްސްޕޯ ކުރިއަށްދާނެކަމަށް ޖިނާޙް ވިދާޅުވިއެވެ. ނަމަވެސް ހުކުރު އަދި ހޮނިހިރު ދުވަހު ވަރަށް ކުލަގަދަކޮށް އަދި ވަރަށް ފުޅާކޮށް އެކްސްޕޯ ކުރިއަށްދާނެކަމަށާއި، އެކަމާބެހޭ މަޢުލޫމާތު ހުކުރުދުވަހުގެ ކުރިން ހާމަކުރާނެކަމަށްވެސް ޖިނާޙް ވިދާޅުވިއެވެ. އަދި އެކްސްޕޯގެ ތެރެއިން ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ޑިސްކައުންޓްގެ ފުރުސަތުތައް ހުރިކަންވެސް ޖިނާޙް ފާހަގަކުރެއްވިއެވެ.

މި އެކްސްޕޯގައި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ބައްދަލުކޮށް އެމްއެމްއައިގައި ހިންގާ އެ ޔުނިވަރސިޓީގެ ކޯސްތަކާ ގުޅޭ އެކި ކަންކަން އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ހަމަޖެހިފައެވެ. އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ލަކީޑްރޯއެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ. މި ލަކީޑްރޯގެ އިނާމްތަކުގެ ތެރޭގައި، ދެމީހަކަށް އެމްއެމްއައިގެ ކޯސްތަކުގެ ތެރެއިން ބޭނުން ކޯހަކުން ސްކޮލަރޝިޕް ދިނުމާއި، ދެމީހަކަށް ޗެންނާއީ ދެކޮޅު ޓިކެޓާއި، ބަނޑޮސް މޯލްޑިވްސްއިން ދެމީހަކަށް ޑިނާއެއް ދިނުންވެސް ހިމެނެއެވެ.