ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލިކޮށް، ރާއްޖެ ފެށުން ރަނގަޅުކޮށްފި


މިއަދު ބަނގްލަދޭޝްގައި ފެށި ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ބަލިކޮށް، ރާއްޖެ ފެށުން ރަނގަޅުކޮށްފިއެވެ.

މިއަދު ހަވީރު ނޭޕާލާ ވާދަކޮށް ރާއްޖޭގެ ސީނިއަރ ޤައުމީ ބާސްކެޓްބޯޅަ ޓީމް ކުރި ހޯދީ ތިން ޕޮއިންޓްގެ ތަފާތުންނެވެ. ރާއްޖެއިން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާއިޝަތު ޝާން ޝާކިރު ޝަރަފުވެރިކޮށްދެއްވި މިމެޗުގައި ދިވެހި ޤައުމީ ޓިމުން ނޭޕާލްގެ މައްޗަށް ކުރި ހޯދީ 63 ޕޮއިންޓް 60 ޕޮއިންޓުންނެވެ. މެޗު ފަށައިގެން ފުރަތަމަ ކުއާޓަރގައި ރާއްޖެ ލީޑް ނަގާފައިވަނިކޮށް ނޭޕާލް ވަނީ ފަހަތުން އަރާ ލީޑް ހޯދާފައެވެ. ފުރަތަމަ ކުއާޓާގައި ނޭޕާލް 34 ޕޮއިންޓް ހޯދި އިރު ރާއްޖެ އޮތީ 28 ޕޮއިންޓްގައެވެ. ދެވަނަ ކުއާޓާގައިވެސް ވާދަވެރި ކުޅުމެއް ދައްކަމުން އައިސް، ދެޓީމް ދާދި އެއްވަރެއްގައި އޮތުމަށްފަހު، ރާއްޖެ މެޗު ކާމިޔާބުކުރީ ޚާއްޞަކޮށް ފަހު ކްއާޓަރގެ ފަހު ވަގުތުކޮޅުގެ ތެރޭގައި މޮޅަށް ކުޅެގެންނެވެ.

މެޗަށް ފަހު ޤައުމީ ބާސްކެޓް ޓީމުގެ ކޯޗު ޖޯން ކޮފީނޯ ބުނީ އޭނާގެ ޓީމުން 40 މިނިޓް ވަންދެން ވަރަށް ވާދަވެރި ކުޅުމެއް ދެއްކިކަމަށާއި، ގިނަ ކުޅުންތެރިން ދެއްކީ ވަރަށް ސްމާޓް ކުޅުމެއްކަމަށެވެ. ކޯޗު ބުނީ ބޫޓާނާއެކު ކުރިއަށް ދެން އޮތް މެޗަކީވެސް ފަސޭހަ މެޗަކަށް ނުވާނެކަމަށެވެ.

" މިހާރު ވިސްނަމުން "މިދަނީ ބޫޓާން މެޗަށް. ވަރަށް ޓަފްވާނެ، އެމެޗުވެސް، އާދައިގެ މެޗެކޭ ހީނުކުރާނަން. މިއަދުގެ މޮޅާމެދު ވަރަށް އުފާކުރަން. ފުރަތަމަ މެޗުން މޮޅުވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." ކޯޗު ކޮފީނޯ ބުންނެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ވާދަކުރާނީ ބޫޓާނާއެވެ. ބޫޓާން ވަނީ މުބާރާތް ހުޅުވަން މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބަނގްލަދޭޝް އަތުން 49 ޕޮއިންޓު 61 ޕޮއިންޓުން ބަލިވެފައެވެ.

މުބާރާތުގައި ވާދަކުރަނީ ބަނގްލަދޭޝްއާއި، ބޫޓާނާއި، ދިވެހިރާއްޖެއާއި، ނޭޕާލްގެ އިތުރުން ސްރީލަންކާއެވެ.