ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުޑަކުދިންގެ ހަވީރެއް ބާއްވައިފި





 


ބަރަކާތްތެރި ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މިއަދު ހަވީރު ސަލްޓަން ޕާކުގައި ކުރިއަށްދިޔަ މި ކުޑަކުދިންގެ ހަވީރުގައި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ހިމަނާފައިވެއެވެ.


 
 


ކުޑަކުދިންނަށާއި އައިލާތަކަށް ހިތްފަސޭހަ އުފާވެރި މާހައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން، ބަރަކާތްތެރި ފިތުރު ޢީދު ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ކުރިއަށް ގެންދިޔަ މި ހަވީރުގައި އެކި އުމުރު ފުރާގެ ކުދިންނަށް ޙާއްސަކޮށްގެން ތަފާތު ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ފޭސް ޕެއިންޓިންނާއި، ކުރެހުމާއި، ކުލަޖެއްސުމުގެ އިތުރުން ބޯޅަ ކުޅުމާއި، އަދިވެސް ކުޑަ ކުދިން ގަޔާވާ ފަދަ ގިނަ ކުޅިވަރުތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި ކުޅިވަރުތަކުގައި ބައިވެރިވާ ކުދިންނަށް އިނާމާއި ހަދިޔާ ބަހާފައިވެއެވެ. ހަމައެހެންމެ ބޮޑުބެރާއި، ލަވަކިޔުމުގެ އިތުރުން ޖާދޫގެ ހަރަކާތްތައް ދައްކާލުން ފަދަ މުނިފޫހި ފިލުވުމުގެ ތަފާތު ގިނަ ސްޓޭޗް ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސަލްޓަން ޕާކުގައި މި ހަވީރު ކުރިއަށް ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާތިމަތު އިބްރާހީމް ވަނީ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތައް ބައްލަވާލައްވައި، ހަވީރުގައި ބައިވެރިވި ގިނަ އަދަދެއްގެ ކުޑަކުދިންނާއި، އާއިލާތަކާއި ބައްދަލުކުރައްވާ، ސަލާމްކުރައްވާ، ޢީދު ތަހުނިޔާ އަރިސްކޮށްފައެވެ.



މިއަދުގެ މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވެފައިވާއިރު، އެކުދިންގެ ތެރެއިން ވާހަކަދައްކާލެވުނު ބައެއް ކުދިން ބުނީ، ގިނަ ކުޅިވަރުތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބި، އާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމުގައެވެ. ބަރަކާތްތެރި ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، އަމިއްލަ ޖަމިއްޔާތަކާއި، ކުންފުނިތަކުން އިސްނަގައިގެން ދަނީ ތަފާތު ހަރަކާތްތައް ކުރިއަށްގެންދަމުންނެވެ.