ޚަބަރު

ރާއްޖެއާ އިންޑިއާ އަސްކަރިއްޔާގެ "ސްޓާފް ޓޯކްސް" ގެ 3 ވަނަ ބައްދަލުވުން ނިންމާލައިފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި އިންޑިއާ އަސްކަރިއްޔާ އާއި ދެމެދު ބޭއްވި ތިންވަނަ ސްޓާފް ޓޯކްސް ނިންމާލައިފިއެވެ. މި ބައްދަލުވުން އޮތީ ކޯސްޓްގާޑު ބިލްޑިންގް ގައެވެ.

ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާގެ މެދުގައި މިއަދު ބޭއްވި ސްޓާފް ޓޯކްސްގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ އަސްކަރިއްޔާ ދެމެދުގައި އަސްކަރީ އަދި ދިފާޢީ ދާއިރާއިން އެއްބާރުން ދެވިދާނެ ކަންކަމާމެދު މަޝްވަރާކޮށް، ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޯށްދެވިދާނެ ދާއިރާތައް ދެނެގަނެ، ދެ ޤައުމުން ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނުތަކާއި ބެހޭގޮތުން މަޝްވަރާކުރުންކަމަށް އެމް.އެންޑީ.އެފުން މަޢުލޫމާތުދެއެވެ.

މި ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާ ގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ. އިންޑިއާގެ އަސްކަރިއްޔާއިން ހެޑްކުއަރޓަޒް އިންޓަގްރޭޓެޑް ޑިފެންސް ސްޓާފް ގެ ރިއަރ އެޑްމައިރަލް އެމް.ޑީ ސުރޭޝެވެ. މީގެ އިތުރުން ދިވެހި އަސްކަރިއްޔާ އާއި އިންޑިއާ އަސްކަރިއްޔާ ގެ ފަރާތުން ޖެނެރެލް އޮފިސަރުން ގެ އިތުރުން މަތީ ފެންވަރުގެ ހިމެނޭ ވަފުދުތައް ބައިވެރިވިއެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އިންޑިއާ އާއި ދިވެހި ރާއްޖޭގެ އަސްކަރިއްޔާއިން ދެފަހަރެއްގެ މަތިން މި ފަދަ ސިލްސިލާ ބައްދަލުވުންތަކެއް ކާމިޔާބުކަމާއި އެކު ވަނީ ކުރިއަށްގެންގޮސްފައެވެ.