ޚަބަރު

އެމްއެމްއައި އެކަޑަމިކް އެކްސްޕޯ- ލިމްކޮކްވިންގް ޔުނިވަރސިޓީގެ ކޯސްތަކުން ބޮޑެތި ޑިސްކައުންޓުތަކެއް


މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ލިބޭ އެންމެ ހެޔޮ އަގުތަކާއި ޑިސްކައުންޓް ރޭޓުތައް އެމްއެމްއައި އެކަޑަމިކް އެކްސްޕޯގެ ތެރެއިން ލިބިގެންދާނެކަމަށް ލިމްކޮކްވޮންގްގެ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ރިސަރޗަރ ފޯރ ސައުތް އޭޝިއާ ކުމާރް ޝިވަމް ވިދާޅުވެއްޖެއެވެ.

ޕީއެސް އެމް ނިއުސްއަށް މަޢުލޫމާތުދެމުން ޝިވަމް ވަނީ، މި އެކްސްޕޯގައި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ބައްދަލުކޮށް އެމްއެމްއައިގައި ހިންގާ އެ ޔުނިވަރސިޓީގެ ކޯސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިފައިވާއިރު މި ފުރުސަތުގެ އެންމެ ފުރިހަމަ ބޭނުން ހިފުމަށް ގޮވާލާފައެވެ.

އެމްއެމްއައިއަކީ ރާއްޖޭގައި ލިމްކޮކްވިންގްގެ އޭޖެންޓްކަން ފާހަގަކުރައްވާ ޝިވަމްވަނީ ލިމްކޮކްވިންގުން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ހުރިހާ މަޢުލޫމާތަކާއި، އެޕްލިކޭޝަން ޕްރޮސީޖަރތައްވެސް އެމްއެމްއައި މެދުވެރިކޮށް ކުރިއަށްގެންދެވޭނެކަމުގައި ވިދާޅުވެެފައިއެވެ.

އެކަޑަމިކް އެކްސްޕޯގެ ފުރަތަމަ ދުވަހު ދިވެހި ޒުވާނުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބު ފާހަގަކުރައްވާ ޝިވަމް ވިދާޅުވީ، ގިނަ އަދަދެއްގެ ޒުވާނުންނެއް ކްރިއޭޓިވް އިންޑަސްޓްރީއަށް ޝައުގުވެރިކަން ފާޅުކޮއްފައިވާކަމަށެވެ.

ޝިވަމްވަނީ ލިމްކޮކްވިންގްގެ ފަރާތުން މިހާރު ރާއްޖެ ޒިޔާރަތްކުރަމުންދާއިރު އެމްއެމްއައިގެ އެކްސްޕޯގެ އިތުރުން މާލެއާއި އައްޑޫގައި ބާއްވާ އެޑިއުކޭޝަން ފެއަރއެއްގައިވެސް ބައިވެރިވުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެމްއެމްއައި އެކަޑަމިކް އެކްސްޕޯ މިއަދުގެ ހަވީރު ހަތަރަކުން ރޭގަނޑު ދިހަގަޑި ތިރީހަށް ރޭޑިއޯ ބިލްޑިންގްގައި ކުރިއަށްދާނެއެވެ. ކާނިވަލްއެއްގޮތަށް ކުރިއަށްދާ މި އެކްސްޕޯގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ލަވަޔާއި، ހެދުމުގެ ޑިޒައިންތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ.