ޚަބަރު

އޭއައިއައިބީގެ އަހަރީ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރ އިންޑިއާއަށް


އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ ތިންވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

އިންޑިއާގެ މުމްބާއީގައި ބާއްވާ އޭއައިއައިބީގެ ބައްދަލުވުމުގައި އެ ބޭންކުގެ މެންބަރު ހުރިހާ ޤައުމަކުން ބައިވެރިވާނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރުގެ އިތުރުން މިނިސްޓަރުގެ ނާއިބު ޢަބްދުލްހަލީމް އަބްދުލްޣަފޫރެވެ.

ޖޫން ފަންސަވީހުން ސައްބީހަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ޤައުމުތަކުގެ ތަރައްޤީއަށް ވެދޭނެ އެހީތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ އަކީ އޭޝިއާ ސަރަޙައްދުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ޤައުމުތަކުގެ ޢުމްރާނީ ތަރައްޤީއަށް ހިންގާ ތަފާތު މަޝްރޫޢުތަކަށް މާލީގޮތުންނާއި ފަންނީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކެކެވެ. 52 މެމްބަރު ޤައުމާއެކު 2015 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް އައި މި ބޭންކުގެ މެމްބަރުންގެ ގޮތުގައި އަށްޑިހައަށްވުރެ ގިނަ ޤައުމުން ޙަރަކާތްްތެރިވެއެވެ.

ރާއްޖެއަކީ އެ ބޭންކުގެ ފައުންޑިންގ މެންބަރެއްވެސްމެއެވެ. މި ބޭންކް ފަށާފައިވަނީ 50 ބިލިއަން ޑޮލަރުގެ ރައުސުލްމާލަކާއެކުގައެވެ.