މިދިޔަ އަހަރު ތިނަދޫއަށް ކުޅުނު ހޯޒޭ އެލެކްޒަންޑްރާ އަވީލާއާއި ޑިފެންޑަރ ސައިސީ ޑޯ ރޮޑްރީގޭޒް ކުލަބް ގްރީން ސްޓްރީޓްސްއަށް ގެނެސްފިއެވެ. 
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އޭނާގެ އިރުޝާދުގެ ދަށުން ތިނަދޫއަށް ކުޅުނު މިދެ ކުޅުންތެރިންނަކީ ވަރަށް ރަނގަޅު އަދި ޓީމަށް ވަރަށް ފައިދާ ކުރާ ގޮތަށް ކުޅޭ ދެ ކުޅުންތެރިންކަމަށެވެ. ކުރިން މިދެ ކުޅުންތެރިންގެ ކުޅުން ފެނިފައިވުމަކީވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ސުޒޭން ބުންޏެވެ. 
ދެ ކުޅުންތެރިން ގްރީންއިން ލިސްޓަށް އިތުރުކުރީ ޓީމްގައި ތިބި ދެ ކުޅުންތެރިން ދޫކޮށްލުމަށްފަހުއެވެ. ޓީމުން ދޫކޮށްލީ މެދުތެރެއަށް ކުޅެމުން އައި ސޮބުލް އިލިއާއާއި ޑިފެންޑަރ އޮލޭ ޔެފިމްޗުކްއެވެ. 
އިލިއާ އަކީ މިދިޔަ އަހަރު ގްރީންގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ފާހަގަވެފައިވަނީ ވަރަށް ރުޅިގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ. ޑިފެންޑަރ އޮލޭ ޔެފިމްޗުކްއަކީ މިއަހަރު ގްރީންއަށް ގެނައި ކުޅުންތެރިއެކެވެ. 
މިދިޔަ އަހަރު މާލޭ ލީގުގެ ދެވަނަ ހޯދި ކުލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ޓީމަށް ގެނައި ބިދޭސީ ކުޅުންތެރިންނާއެކު ޕްރިމިއަރ ލީގުގައި ޓީމް ވަރުގަދަވާނެކަމަށާއި، އެންމެ ފުރަތަމަ އަމާޒަކީ ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުންކަމަށެވެ. ޕްރިމިއަރ ލީގުގައި ގްރީންގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ހަވީރު ވާދަުރާނީ ފޯކައިދޫއާއެވެ.