ވޯލްޑްކަޕްގެ ދެވަނަ ބުރުގެ އުއްމީދު ކޮލަމްބިޔާ ދެމެހެއްޓިއިރު، ޕޮލަންޑު މުބާރާތުން ކަޓައިފިއެވެ. ފީފާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ޕޮލަންޑާއި ކޮލަމްބިޔާ ވާދަކުރި މެޗުން ޕޮލެންޑް ބަލިވީ ތިނެއް ސުމަކުންނެވެ. 
މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ޑިފެންޑަރ ޔެރީ މީނާއެވެ. ކޮލަމްބިޔާގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ރަޑަމަލް ފަލްކާއޯ. މިއީ ފަލްކާއޯ ވޯލްޑްކަޕެއްގައި ޖަހައިދިން ފުރަތަމަ ލަނޑެވެ. ފަހު ލަނޑު ކައުންޓަރ އެޓޭކެއްގައި ޖަހައިދިނީ ހުއާން ކުއަޑްރާޑޯއެވެ. މި މެޗުގައި ކޮލަމްބިޔާގެ ތަރި ހަމޭޒް ރޮޑްރިގޭޒްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. 
މި ނަތީޖާއާއިއެކު ކޮލަމްބިޔާއިންވަނީ މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު ދަމަހައްޓާފައެވެ. އަދި ޕޮލަންޑަށްވަނީ ބާކީ އެއް މެޗު އޮއްވައި މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ގެއްލިފައެވެ. 
ގްރޫޕްގެ ފަހު މެޗުގައި ކޮލަމްބިޔާ ނިކުންނާނީ ސެނެގާލްއާއި ދެކޮޅަށެވެ. އަދި ޖަޕާން ނިކުންނާނީ ޕޮލަންޑާއި ދެކޮޅަށެވެ. މި ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހަތެއް ޖަހާއިރެވެ.