ޚަބަރު

"އައިއެމްޓީއެމް 2018" ކާމިޔާބުކަމާއެކު ނިންމާލައިފި


އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މަރކެޓުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ފެއަރ "އައިއެމްޓީއެމް 2018" ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ.

"އައިއެމްޓީއެމް 2018"އަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ވިޔަފާރި ބައިނަލްއަޤްވާމީ ދުނިޔެއަށް އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ފެއާއެކެވެ. މިފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި، ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުން ބައިވެރިވެފައިވެއެވެ.

މި ޓްރެވަލް މާޓާ ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން އައިއެމްޓީއެމްގެ ޑިރެކްޓަރ ރާފިލް މުޙައްމަދު ވިދާޅުވީ މި އަހަރު 18 ޤައުމަކުން 44 ސްޓޯލެއް ބަހައްޓާފައިވާކަމަށެވެ. މިމަހުގެ 23 ހުން 24 ހަށް އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއައްދިޔަ މި ފެއަރގެ މައިގަނޑު އެއް ފޯކަސްއަކީ ރާއްޖޭގެ ލޯކަލް ޓުއަރިޒަމް އިސްތިހާރުކުރުންކަމަށް ރާފިލް ވިދާޅުވިއެވެ. އެގޮތުން 40 ރިސޯޓާއި، 44 ގެސްޓްހައުސް، 21 ސަފާރީ ލިވަބޯޑްގެ އިތުރުން ރާއްޖޭގެ 13 ޓްރެވެލް އޭޖެންސީއަކުން މި ފެއަރގައި ބައިވެރިވެފައިވާކަމަށް ރާފިލް ވިދާޅުވިއެވެ.

މީގެއިތުރުނ ކުރިން ޝެޑިއުލް ކޮއްފައިވާ ބީ ޓު ބީ ބައްދަލުވުންތަކާއި ވަގުތުން ހަމަޖައްސާ ބީ ޓު ބީ މީޓިންގ ތަކާއެކު ކުރިއަށްގެންދިޔަ މި ޓްރެވަލް މާޓުގައި ކޮންމެ ބަޔަރއަކަށްވެސް މަދުވެގެން 1 ޕްރީ ފިކްސްޑް މީޓިން ބާއްވާފައިވާކަން ރާފިލް ފާހަގަކުރެއްވިއެވެ.

ފެއަރގައި ބައިވެރިވި ފަރާތްތަކުންވަނީ ރާއްޖޭގައި ތިބެގެން މިފަދަ ފެއަރއެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ މިދާއިރާ ފުޅާކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްކަން ފާހަގަކޮށްފައެވެ.

އައިއެމްޓީއެމް 2019 މިއަންނަ އަހަރުގެ ޖޫން ޖުލައި ހިސާބުގައި ބޭއްވުމައް މަސައްކަތްކުރަމުންދާކަމަށް އައިއެމްޓީއެމްއިން މައުލީމާތުދެއެވެ.