ޚަބަރު

ތުރުކީވިލާތުގެ ބޮޑު ދެ އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް


ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށްއެބަދެއެވެ. މި އިންތިޚާބުތައް ކުރިން ތާވަލުކޮށްފައި ހުރީ، 2019 ވަނަ އަހަރުގެ ނުވެމްބަރު މަހަށެވެ. އެހެންނަމަވެސް ރައީސް ތައްޔިބު އުރުދުޣާން މިވަނީ އިންތިޚާބުތައް އަވަސްކުރައްވާފައެވެ.

އިންތިޚާބުތަކުގެ ވޯޓުލުން މިހާރު ކުރިއަށްދާއިރު މި އިންތިޚާބުތައް ކުރިއަށް މިދަނީ ތުރުކީވިލާތުގައި ކުއްލިހާލަތުގެ ޢަމުރު ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. ކުއްލި ހާލަތުގެ ޢަމުރަށް އެންމެ ފުރަތަމަ ޢަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު ތުރުކީވިލާތުގައި ގެންނަން މަސައްކަތްކުރި ބަޣާވަތް ނާކާމިޔާބުވުމަށްފަހުގައެވެ. އެއަށް ފަހު، ރައީސް ތައްޔިބު އުރުދުޣާންގެ ސަރުކާރުން ވަނީ މި ޢަމުރުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށްފައެވެ.

ކުއްލި ޙާލަތުގެ ޢަމުރު ތަންފިޒުކުރުމުގެ ތެރޭގައި ތުރުކީގެ ސަރުކާރުން ވަނީ، 2016 ވަނަ އަހަރުގެ ބަޣާވަތުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އަދި މީގެ އިތުރުން، ގިނަ ޢަދަދެއްގެ ސިވިލް ސަރވަންޓުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. މި ކަންކަމުގެ ސަބަބުން ތުރުކީވިލާތުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުން އިތުރުވެފައިވާ މިދަނޑިވަޅުގައި ބާއްވާ ދެ އިންތިޚާބަކީ، ރައީސް އުރުދުގާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ބޮޑު ހުރަހަކަށް ވެދާނެއެވެ.

އާދިއްތަ ދުވަހުގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ކާމިޔާބުކުރައްވާނީ އުރުދުޣާންކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާއިރު މުރާސިލުން ބުނަނީ އުރުދުޣާނަށް ވޯޓުގެ ފަންސާސް އިންސައްތަ ނުލިބުމަކީ ވެސް އެކަށިގެންވާ ކަމެއްކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ވޯޓުގެ ފަންސާސް އިންސައްތަ ލިބިވަޑައިނުގެންފިނަމަ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާންޖެހޭނެއެވެ.

ރިޔާސީ އިންތިޚާބުގައި އުރުދުޣާނާ އެންމެ ގާތުން ވާދަކުރައްވަނީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ކެންޑިޑޭޓް މުހައްރަމް އިންޗެއެވެ. އާދިއްތަ ދުވަހުގެ ރިޔާސީ އިންތިޚާބު އުރުދުޣާންއަށް މުހިއްމުވާ އަނެއް ސަބަބަކީ މި އިންތިޚާބުގެ ފަހުން 2017 ވަނަ އަހަރު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ދަށުން ރައީސްއަށް އިތުރު ބާރުތަކެއް ލިބިދޭ ދުސްތޫރީ އިސްލާހުތަކަށް އަމަލުކުރަން ފެށުމެވެ.