ކުޅިވަރު

ތުރުކެމްނިސްތާންގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ނިއުއަށް


ކެޕްޓަން އަޝްފާޤު ކްލަބް ދޫކޮށްލުމުން، އެތަން ފޫބެއްދުމަށް ތުރުކެމްނިސްތާންގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ ގެންނަން ނިއުރޭޑިއަންޓުން ނިންމައިފިއެވެ.

ނިއުއިން ވަނީ ތުރުކެމްނިސްތާންގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ފޯވާޑް އާމިރު ގުރުބާނީ ލިސްޓްގައި ހިމަނާފައެވެ. 31 އަހަރުގެ ފޯވާޑް މިއަހަރު ކުޅެމުން އައީ ކިރްގިސްތާންގެ އެފްސީ ޑޯޑޮއިއަށެވެ. އެޓީމަށް ކުޅުނު އަށް މެޗުން އޭނާ ފަސް ގޯލް ޖެހިއެވެ. އޭނާ ވަނީ އޭއެފްސީކަޕްގެ އިތުރުން އޭއެފްސީ ޕްރެޒިޑެންޓްސްކަޕްގައިވެސް ކުޅެފައެވެ. 2016 ވަނަ އަހަރު އޭއެފްސީކަޕްގައި ކުޅުނު ނަމަވެސް މިއަހަރު ޕްލޭއޮފް ކުޅެގެން އޭނާގެ ޓީމް ގްރޫޕް ސްޓޭޖަށް ކޮލިފައިއެއްނުވިއެވެ.
ޤައުމީ ޓީމަށް ކުޅުނު 22 މެޗުން 6 ގޯލް ޖަހާފައިވާ ފޯވާޑް، ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ.

ނިއުއިން ބުނީ ތުރުކެމްނިސްތާންގެ ފޯވާޑަކީ ކޯޗު އޮސްކާގެ ލަފާގެ މަތިން ގެނައި ކުޅުންތެރިއެއްކަމަށާއި، ކޯޗު ކްލަބްގައި ދެމި ހުންނާނެކަމަށެވެ. ތުރުކެމްނިސްތާނުގެ ފޯވާޑެއްގެ އިތުރުން ނިއުއިން ވަނީ ރުވާންޑާގެ ފޯވާޑެއްވެސް ގެނެސްފައެވެ. އޭނާ ވަނީ މާލޭ ލީގު ފަހު މެޗުގެ ދެވަނަ ހާފްގައި މާޒިޔާއާ ދެކޮޅަށް ކުޅެފައެވެ.