ކުޅިވަރު

ސެނެގާލް ދެކެ ބިރެއް ނުގަނޭ - ޖަޕާން


ސެނެގާލް ޓީމް ދެކެ ބިރު ނުގަންނަކަމަށާއި، އަމިއްލަ ޓީމާމެދު އިތުބާރު ބޮޑުކަމަށް ޖަޕާން ޓީމުގެ ކޯޗު އަކިރާ ނިޝިނޯ ބުނެފިއެވެ.

ގްރޫޕް އެޗްގައި މިރޭ ސެނެގާލް އާއި ބައްދަލުކުރާ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖަޕާން ކޯޗު ބުނީ ސެނެގާލް އަކީ އެފްރިކާ ބައްރުގެ އެހެންޓީމުތަކާ ތަފާތު ޓީމެއް ކަމަށާއި، އެޓީމުގައި މާ ސްޕީޑް ބާރު ކުޅުންތެރިން ނެތް ނަމަވެސް ހުނަރު ހުރި މޮޅު ކުޅުންތެރިން އެބަ ތިބި ކަމަށެވެ. އެހެންނަމަވެސް މުހިއްމީ ޓީމެއްގެ ގޮތުގައި ސެނެގާލް އާއި ކުޅެ ނަތީޖާއެއް ނެރުން ކަމަށާއި، މަސައްކަތް ކުރާނީ އެކަމަށް ކަމަށެވެ.

"ސެނެގާލް ޓީމު ދެކެ އަހަރެމެން އެއްވެސް ވަރަކަށް ބިރެއް ނުގަނެ. އަހަރެންގެ ޓީމާ މެދު އެއަށްވުރެ ބޮޑަށް އިތުބާރު އެބައޮތް. ސެނެގާލް ޓީމަކީ އާދައިގެ އެފްރިކާ ޓީމުތަކާ އަޅާ ބަލާއިރު ތަފާތު ޓީމެއް. އެމީހުންގެ މާ ސްޕީޑް ބާރު ކުޅުންތެރިންނެއް ފާހަގައެއް ނުކުރެވޭ. އަހަރެމެންގެ ކުޅުންތެރިންނަށް އެކަމުގެ އެޑްވާންޓޭޖް ނެގިދާނެ." ޖަޕާން ކޯޗު ބުންޏެވެ.

ސެނެގާލް ޓީމުގެ ކޯޗު އަލޫ ސިސޭ ބުނީ ޕްރެސްކޮންފެރެންސް ތަކުގައި ވާހަކަ ދެއްކިއަސް ވާނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށާއި، މެޗަށް ނުކުންނާނީ މޮޅުވާން ކަމަށެވެ.
ދެޓީމުވެސް ފުރަތަމަ މެޗުން މޮޅުވެފައި އޮތުމުން މިމެޗުން މޮޅުވެގެން ދެވަނަ ބުރުގެ ޖާގައެއް ގާތްގަނޑަކަށް ޔަޤީން ކުރެވޭނެ ކަމަށާއި، ފަހު މެޗަށް ދާއިރު އެއީ ވަރަށް ރަނގަޅު ފައްތަރެއް ކަމަށްވެސް ސިސޭ ބުންޏެވެ.

"ކޮންމެ މެޗެއްގެ ކުރިންވެސް މިތަނަށް އައިސް އަހަރެމުންގެ ހިޔާލުދީ ވަރަށް ފޯރީގައި ވާހަކަ ދައްކަނީ. އެކަމަކު ވާނެގޮތެއް ބުނާކަށް ނޭނގޭނެ. މިމެޗަށް ނިކުންނާނީ މޮޅުވާން. ޖަޕާންވެސް ފުރަތަމަ މެޗު ކާމިޔާބުކޮށްފައި އޮތީ އެހެންކަމުން ދެޓީމްވެސް ބޭނުންވަނީ މެޗުން މޮޅުވެ ދެ ވަނަ ބުރުގެ ޖާގައެއް ޔަޤީން ކުރަން...ގާތްގަނޑަކަށް ޔަގީންކުރަން."
ގްރޫޕް އެޗްގައި މިދެޓީމްވެސް ވަނީ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.