ޚަބަރު

އިންޑިއާ އިން ރާއްޖެ އެތެރެކުރާ ކާޑުގެ ކޯޓާ ދަށްކުރިނަމަވެސް އޭގެ ނޭދެވޭ އަސަރެއް ނުކުރާނެ - އެސްޓީއޯ


އިންޑިއާއިން ދިވެހި ރާއްޖެއަށް އެތެރެކުރާ ކާޑާއި، ޒަރޫރީ ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ ކޯޓާ ދަށްކުރި ނަމަވެސް އެކަމުގެ ނޭދެވޭ އަސަރުނުކުރާނެކަމަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން ބުނެފިއެވެ.

އެސް.ޓީ.އޯ އިން މިހެން ބުނެފައިމިވަނީ، ކާޑުގެ ބާވަތްތަކުގެ އިތުރުން ދިވެހި ރާއްޖެއަށް އިންޑިއާ އިން އިމްޕޯރޓުކުރާ ޒަރޫރީ ކާބޯތަކެތި ކަމުގައިވާ އަލުވި، ފިޔާ ބިސް އަދި މުގުގެ ބާވަތްތަކުގެ ޢަދަދު ވަރަށް ބޮޑުތަން މަދުކޮށްފައިވާކަމަށް ބުނެ، މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ޑިރެކްޓޮރޭޓް އޮފް ފޮރިން ޓްރޭޑްގެ ވެސްބައިޓުގައި ނޯޓިސްދީފައިވަނިކޮށްނެވެ.

އެސް.ޓީ.އޯގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ، ދިވެހި ރާއްޖެއަށް ކާޑުގެ ބާވަތްތައް އެތެރެ ކުރަނީ ހަމައެކަނި އިންޑިއާއިން ނޫންކަމަށާއި، އިންޑިއާއިން ކޯޓާއަށް ގެނައި ބަދަލާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު ނުކުރާނެކަމަށެވެ. އަދި ރާއްޖެއަށް ކާޑުގެ ބާވަތައް ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެކަމަށާއި އެ ބާވަތްތަކަކީ ސަރުކާރުން ސަބްސިޑައިޒް ކޮށްފައިވާ ބާވަތްތަކެއްކަމުން، ތަކެތީގެ އަގުތައް އުފުލިގެން ނުދާނެކަމުގެ ޔަޤީންކަންވެސް އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ދެއްވާފައެވެ.

އިންޑިއާ އިން ގިނަ ޤައުމުތަކަކާއި އެކު ވިޔަފާރީގެ ގުޅުން ޤާއިމްކޮށްފައިވާ އިރު، ސަޕްލައި މަދުވުމުގެ ސަބަބުންނާއި، އެ ނޫންވެސް ތަފާތު އެކި ޙާލަތްތަކުގައި މީގެކުރިން މިފަދަ ބަދަލުތައް ކޯޓާއަށް ގެންނަމުންދާކަން ފާހަގަކުރެއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން އައި ކޯޓާއަށް ގެނައި ބަދަލަށްފަހު ބުނެފައިވަނީ، ދެޤައުމުގެ ދެމެދުގައި ވެފައިވާ ވިޔަފާރީގެ މުޢާހަދާ އާއި އިންޑިއާއާއި ޚިލާފުވެފައިނުވާނެކަމަށެވެ. އަދި ކޯޓާއަށް ބަދަލުގެންނަން ޖެހުނީ، އިންޑިއާގެ އުފެއްދުންތެރިކަމާއި ، އަދި އެތެރޭގެ ވިޔަފާރީގެ ތަފާސްހިސާބުތަކަށް ބެލުމަށްފަހު މިފަދަ ބަދަލެއް ގެންނަން ޖެހޭ ކަމަށް އެޤައުމުގެ ކަމާބެހޭ މަސްއޫލުވެރިންނަށް ފެންނާތީކަމަށެވެ. އަދި ކޯޓާއަށް މިގެނައި މިބަދަލާއިއެކުވެސް ދިވެހި ވިޔަފާރިވެރިންނަށް މިކަމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ވިސްނުން އިންޑިއާއިން ގެންގުޅޭ ކަމަށްވެސް އިންޑިއާ ސަރުކާރާއި ޙަވާލާދީ އެޤައުމުގެ މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އިންޑިއާއިން މިދިޔަ އަހަރު 59442.17 މެޓްރިކް ޓަނުގެ ފުށާއި، 11706.30 މެޓްރިކް ޓަނުގެ ހަކުރު ދިވެހި ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް ކަނޑައަޅާފައިވާއިރު، މިއަހަރަށް ކަނޑައަޅާފައިވަނީ 946.21 މެޓްރިކް ޓަނުގެ ފުށާއި، 338.47 މެޓްރިކް ޓަނުގެ ހަކުރުކަން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން ފިޔާ ބިސް އަދި މުގުގެ ބާވަތްތަކުންވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ދެ ބައިކޮޅު އެއްބައި، އަދި ބައެއް ބާވަތުން އެއަށް ވުރެވެސް ބޮޑު ޢަދަދެއް 2018 ވަނަ އަހަރާއި 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކޯޓާއިން ވަނީ މަދުކޮށްފައެވެ.