ޚަބަރު

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެބްސައިޓްތަކަށް ހިލޭ ވަދެވޭގޮތް އުރީދޫއިން ހަމަޖައްސަނީ


ރާއްޖޭގައި ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެބްސައިޓުތަކަށް އެއްވެސް ޑާޓާ ޗާޖަކާއި ނުލައި ހިލޭ ވަދެވޭނެގޮތް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ. އުރީދޫއިން ބުނީ މި މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ ވަރަށް އަވަހަށް މިގޮތަށް ހަމަޖެހިގެންދާނެކަމަށެވެ.

"ޕްރޮމޯޓިންގ ޑިސްއެބިލިޓީ އިންކްލޫސިވް ޑިވޮލޮޕްމަންޓް ފޯރަމް"ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ނަޖީބް ޚާން ވިދާޅުވީ އެންމެންނަށްވެސް މަންފާލިބޭ ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮއްދިނުމަކީ އަބަދުވެސް އުރީދޫގެ އަމާޒެއްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އުރީދޫއިން މި އަމާޒުގައި ދެމިތިބޭނެކަމަށެވެ. އެގޮތުން ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކަކީ މުޖުތަމައަށް އަގުނުކުރެވޭ ވަރުގެ ބޮޑެތި ޚިދުމަތްތަކެއް ކޮއްދޭބައެއްކަމަށާއި، އުރީދޫއިން އަބަދުވެސް މި ޖަމްޢިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ ހިތްވަރު ދޭނެކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އޮޕަރޭޝަންސް އޮފިސަރ ނަޖީބް ޚާންވަނީ ރާއްޖޭގައި ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ ވެބްސަޓްތަކަށް އެއްވެސް ޑާޓާ ޗާޖަކާއި ނުލާ ހިލޭ ވަދެވޭގޮތް ވަރަށް އަވަހަށް ހަމަޖައްސާނެކަމަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. އުރީދޫއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ބައްހައްޓާފައިވާ 100 އަށްވުރެ ގިނަ ހޮޓްސްޕޮޓްތަކަކީވެސް އާންމުންނަށް ފަސޭހައިން މިފަދަ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމުގެ ގޮތުން އެކުންފުނިން ޤާއިމް ކޮށްދީފައިވާ ޚިދުމަތްތަކެއްކަމަށްވެސް ނަޖީބް ޚާން ވިދާޅުވިއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މަސައްކަތްތަކާއި މަޢުލޫމާތުތައް އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުރީދޫއާއި ރާއްޖޭގެ އެންޖީއޯތަކާއި ގުޅިގެން ކުރާ މި މަސައްކަތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަސްމީކޮށް އިޢުލާން ކުރާނެކަމަށް އުރީދޫއިން ބުނެއެވެ.