ޖުމްހޫރީ ޕާޓީގެ ރައީސްކަން އިދާރީ މަޤާމަކަށް ބަދަލުކުރުމަށްފަހު، އެމް.ޑީ.ޕީގެ ކުރީގެ ޗެއަރޕާރސަން ޢަލީ ވަޙީދު އެމަޤާމަށް އިންތިޚާބުކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް ޢަލީ ވަޙީދު އިންތިޚާބުކޮށްފައިވަނީ އިއްޔެ ކުރިއަށްގެންދިޔަ އެޕާޓީގެ ކޮންގްރެސްގައި ބައިވެރިވި 258 މަންދޫބުންގެ ތެރެއިން 154 މަންދޫބުންގެ ރުހުމާއެކުގައެވެ. އެޕާޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވައިލުމުން ޕާޓީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ޢަލީ ވަޙީދު އެކަންޏެވެ. ޢަލީ ވަޙީދު މީގެ ކުރިންވަނީ ޑީ.އާރ.ޕީގެ ނާއިބު ލީޑަރގެ މަޤާމާއި، އެމް.ޑީ.ޕީގެ ޗެއަރޕާރސަންގެ މަޤާމުވެސް އަދާކޮށްފައެވެ. އެމަޤާމުން އިސްތިއުފާދިނުމަށްފަހު އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިފައިވަނި މިމަހުގެ ތެރޭގައެވެ. އަލީ ވަޙީދު ޖޭޕީގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ އެމަޤާމަކީ ހަމައެކަނި އިދާރީ ޒިންމާތަކެއް ހިމެނޭ މަޤާމަކަމަށް ހެދުމަށް ކޮންގްރެސްއިން އަސާސީ ޤަވާއިދު އިސްލާޙް ކުރުމަށްފަހުގައެވެ.
ޢަލީ ވަޙީދު ޖޭޕީގެ ރައީސްކަމަށް އިންތިޚާބު ކުރިއިރު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން އޭނާ މިހާރު ދިރިއުޅެމުންދަނީ އަމިއްލައަށް އަރުވައިލެވިގެން އިނގިރޭސިވިލާތުގައެވެ.
ޖުމްހޫރީ ޕާޓީގެ ރައީސާއި ނާއިބުރައީސްގެ މަޤާމު އުފެއްދުމަށް އެޕާޓީގެ ކައުންސިލުން ފާސްކޮށްފައިވަނީ މިފަހަރުގެ ކޮންގްރެސްއާ ދިމާކޮށެވެ. ރޭގެ ކޮންގްރެސްގައި ޖޭ.ޕީގެ ނާއިބުރައީސަކަށް އިންތިޚާބުކޮށްފައިވަނީ ޑރ. ޢަބްދުﷲ މައުސޫމެވެ.
ރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ލީޑަރކަމަށް މީހަކު އިންތިޚާބުކޮށްފައެއް ނުވެއެވެ. ކޮންގްރެސްއިން ފާސްކުރި ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އެޕާޓީގެ އެންމެ އިސްވެރިޔަކީ ޕާޓީގެ ލީޑަރެވެ. އަދި ލީޑަރ ނެތް ޙާލަތެއްގައި ކައުންސިލުން ކަނޑައަޅާ ނާއިބު ލީޑަރެކެވެ.
ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެޕާޓީގެ ނާއިބުލީޑަރކަމަށް 4 ބޭފުޅަކު އިންތިޚާބުކޮށްފައިވެއެވެ. އެއީ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު ޢަބްދުﷲ އަމީނާއި، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހީމާއި، ޑރ. ޙުސެއިން ރަޝީދާއި، މުޙައްމަދު ފަޔާޒެވެ.
ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯ ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވުމާއެކު، އެޕާޓީގެ އާ ލޯގޯވެސް އެޕާޓީގެ 3 ވަނަ ކޮންގްރެސްއިން ވަނީ ފާސްކޮށްފައެވެ. ކުރިން އެޕާޓީގެ ލޯގޯގައި ހިމެނެނީ ހަނދުފަޅިއަކާއި ތަރިއެއްނަމަވެސް އަލަށްފާސްކުރި ލޯގޯގައި ހިމެނެނީ ހަމައެކަނި ތަރިއެކެވެ.
ޖޭޕީގެ ދިދައާއި ލޯގޯ ބޭނުން ކުރުން އިލެކްޝަންސް ކޮމިޝަނުން މަނާކޮށްފައި ވަނީ އެ ލޯގޯ އާއި ނިޝާނުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަކޮށްފައިވާ ދިދަ ރަމްޒުކޮށްދޭތީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.